އެންމެންނަށް ރައްކާތެރި، ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭކަން ކަށަވަރުކޮށްދެވޭނީ އާ އީޖާދުތަކުގެ މައްޗަށް ބިނާވެފައިވާ، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ގާއިމު ކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެފަދަ ޖަޒީރާ ގައުމަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވިފައި އޮތުމަކީ، ގައުމީ ވިލުންތެރިކަމަށާއި ދެމެހެއްޓެނިވި އިގުތިސޯދަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އިނޮވޭޓް ޓުޑޭ- ނަރިޝް ޓުމޯރޯ" އަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެ ޝިއާރަކީ މިއަދު ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމެންޓްގެ ސަބަބުން އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަން ވެގެންދާނެ ގޮތް ހަނދާންކޮށްދޭ ޝިއާރެއް ކަމަށެވެ.
"އާ އީޖާދުތަކަށް ވުނަކޮށް، ގައުމުގައި ކާބޯތަކެތި އުފައްދާ މިންވަރު ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުން، ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި، ރައްޔިތުންނަށް ދުޅަހެޔޮ އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދެވޭނެ ރައީސް ވިދާޅުވިއެވެ.
"އާ ޓެކްނޮލޮޖީތައް ބަލައިގަތުމާއި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރު ކުރުމަށާއި ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ދިވެހިންގެ އިޖުތިމާއީ ދިރިއުޅުން ދެމެހެއްޓުމަށް ބޭނުންވާ ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުން މުހިންމު،" އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭކަން ކަށަވަރު ކުރުމާއި މަސް ރައްކާކުރުމާއި އަދި މަހުގެ ބާވަތްތައް އުފެއްދުމަށް ބޭނުންވާނެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ފުޅާކުރުން ފަދަ، ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާ ކަމަށެވެ.
މީގެއިތުރުން، ދަނޑުވެރިކަން ތަރައްގީކުރުމަށްޓަކައި، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެކި ރަށްރަށުގައި ފެށިފައިވާ މަޝްރޫއުތައް މި ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރު ކުރުމަށާއި ތާޒާ މޭވާ ހެއްދުމަށްޓަކައި، ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، ރަށްރަށުގައި ހުރި ހުސްބިންތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބޭނުން ކުރުމަށް ރައީސް ވަނީ ހިތްވަރުދެއްވައިފައެވެ.
ރާއްޖޭގައި ކާބޯތަކެތި ފޯރުކޮށްދޭ ވިއުގަތައް ވަރުގަދަ ކުރުމަށާއި ދަނޑުވެރިންނާއި މަސްވެރިން އުފައްދާ ތަކެތި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްމެންޓް ކުރާނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި އުފެއްދުންތެރިންގެ މައުލޫމާތާއި ތަޖުރިބާގެ އަލީގައި، އާ އީޖާދުތައް ބޭނުންކޮށްގެން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު މަދުކުރުމަށާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަން އިތުރުކުރެވިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަށާއި ދަނޑުވެރިކަމާއި މަސްވެރިކަންކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް، އެންމެހާ ދިވެހިން އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފައެވެ. އަދި އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ހުރިހާ ދިވެހިންނަށް ވެސް އަގުހެޔޮކޮށް، ފައިދާހުރި ކާބޯތަކެތި އިތުބާރާ އެކު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް