ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ގްރޫޕް ބީގައި އެމްއެސް ސޮކާ މޭޓްސްއިން ކުޅުނު ދެވަނަ މެޗުގައި ސްޓެލްކޯ ކައިރިން މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗަކީ ސްޓެލްކޯއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ސޮކާ މޭޓްސްއިން ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ކައިރިން ބަލިވެފައި އޮތް އިރު، އެޓީމުން ސެމީ ފައިނަލަށް އުންމީދު އާކުރީ އިއްޔެ 4-0 އިން ސްޓެލްކޯ ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުގައި ގޯލެއް ނުފެނުނު ނަމަވެސް، ހާފު ނިމުމުގެ ކުރިން ސޮކާ މޭޓްސްއިން ވަނީ ދެ ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލު ޖެހީ އަހުމަދު އައްޝަމްއެވެ. އަދި އަނެއް ގޯލު، ހާފު ނިމިނިމި އޮއްވާ ކާމިޔާބުކޮށްދިނީ އަހުމަދު ނިޝާނެވެ.

ދެވަނަ ހާފުގައިވެސް ރަނގަޅަށް ކުޅުނު ސޮކާ މޭޓްސްއިން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި ތިންވަނަ ގޯލެއްވެސް ޖަހައިފައެވެ. އެ ގޯލުވެސް ނިޝާން ޖަހައިދިން އިރު، އެޓީމުގެ ފަހު ގޯލު، މެޗު ނިމެން ދެތިން މިނެޓަށްވެފައި އޮއްވާ ޖަހައިދިނީ އައްސަދު އަބްދުލްޣަނީ އެވެ.

މި ފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.

މިއަދުވެސް ވެޓެރަންސް ލީގުގެ މެޗެއް އޮންނާނެއެވެ. މިއަދުގެ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ހުޅުމާލޭ ވެޓެރަންސް ކްލަބުން ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ.