ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި ރައީސްގެ މަގާމަށް ގައުމީ ބެޑްމިންޓަން ޓީމުގެ ލެޖެންޑަރީ ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދާއި އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު (އިއްޕަ) ވާދަކުރަން ނަން ހުށަހަޅައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ވިލެޖުގައި ބާއްވަން ތާވަލުކުރަން މަސައްކަތް ކުރަމުންދާ ބީބީއޭއެމްގެ އިންތިހާބު އޮތީ މައްސަލަގަނޑެއްގެ ތެރޭގައެވެ.

އިންތިހާބު މިހާރު ކުރިއަށްދާ ގޮތަށްދާ ނަމަ ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެފައިވާ އިރު، ތޮލާލް ވަނީ އެ އެސޯސިއޭޝަނަށް، އަސާސީ ގަވާއިދަށް ބަދަލު ގެންނަންވެސް އިއްޔެ އަންގަވައިފައެވެ. އެހެން އަންގާފައި އޮތް ނަމަވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ދަނީ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ.

އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރަން އަންގާފައިވަނީ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމުގެ ތުހުމަތުތަކުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް ކުރިއަށްދާތީއެވެ.

ސްޕޯޓްސް ކޮމިޝަނަރު އަންގާފައިވާ އޮތް އެންގުން އޮތް ނަމަވެސް، ބީއޭއެމްއިން ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަންވެސް މިހާރު ހުޅުވާލައިފައެވެ.

އިންތިހާބުގައި ވާދަކުރައްވަން މިހާރު ނަންތައް ހުށަހަޅަމުންދާ އިރު، އިއްޕެ ހުށަހެޅީ ކެނޑިޑޭޓުންގެ ޓީމެކެވެ. އެކަން އޭނާ ވަނީ "ވަން ސްޕޯޓްސް"އަށް ޔަގީން ކޮށްދީފައެވެ. ނައިބަކަށް އިއްޕައާއެކު ވާދަކުރަނީ ކުޅަދާނަ އަމްޕަޔަރު އަހުމަދު ޝިހާމް (ޕުޗު) އެވެ. ޓީމުގައި ދެން ހިމެނެނީ ކްލަބް މެމްބަރެއްގެ ގޮތުގައި އިބްރާހިމް ޒިޔާއު، އޮފިޝަލް މެމްބަރެއްގެ ގޮތުގައި މިންނަ ރަޝީދު، އިންޑިވިޖުއަލް މެމްބަރެއްގެ ގޮތުގައި އަހުމަދު ރިޔާޒު، ހަޒާންދާރަކަށް ޝިފާއު އަބްދުﷲ އަދި އަންހެން މެމްބަރަަކަށް އައިޝަތު ޔުމްނާއެވެ.

އަޖުފާން ރައީސް ކަމަށް ވާދަކުރައްވާ އިރު، އޭނާއަކީ މިވަގުތު ގައުމީ ޓީމުގެ ކުޅުންތެރިއެއް ނަމަވެސް ދެން ވިސްނުން ހުރީ ކުޅުމުން ރިޔަޔާކޮށް ހިންގުމަށް ނުކުތުމަށެވެ. އަޖުފާން "ވަން ސްޕޯޓްސް"އަށް ބުނީ ކުޅުމުން އޭނާއަށް ގައުމަށް ކަންތައްތަކެއް ހާސިލްކުރެވިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ އެންމެ ލޯބިވާ ކުޅިވަރަށް އެހެން ގޮތަކުން ހިދުމަތް ކޮށްދިނުމަށް ކަމަށެވެ.

އަޖުފާނަކީ ގައުމީ ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާ އިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ، ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ.

އަޖުފާންގެ ކެރިއަރުގައި މިހާރު އެކަޑެމީގެ މަސައްކަތްތައް ކުރަމުންދާ އިރު، އޭނާގެ ތަޖުރިބާއިން ޒުވާން ޖީލެއް ބިނާކުރުމަށް މިހާތަނަށްވެސް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

ބީއޭއެމްގެ މިހާރު ރައީސް މޫސަގެ މައްޗަށް އެތައް ތުހުމަތެއް ކުރެވިފައިވާ މި ދަނޑިވަޅުގައި، އޭނާ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާފައިވާކަންވެސް "ވަން ސްޕޯޓްސް"އަށް ވަނީ ޔަގީންވެފައެވެ.