އިނގިރޭސި ކްލަބުތައް ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލާ "ފުޓުބޯލް ގަވަނަސް ބިލް" އިން މިނިވަން ރެގިއުލޭޓަރުންނަށް ގާނޫނީ ބާރުވެރިކަން ދޭން މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

މިހާރު ހުށަހަޅަން ތައްޔާރުވެފައިވާ ފުޓުބޯޅަ ހިންގުމުގެ ބިލާއެކު، އިނގިރޭސިވިލާތުގެ ކުޅިވަރުތަކުގެ ތެރެއިން، ސަރުކާރާއި އާންމުންގެވެސް ބައިވެރިވުމެއް ނޯންނަ ސްޓޭޑްއެލޯން ބޮޑީއަކަށް ކްލަބުތަކުގެ އެޑްމިނިސްޓްރޭޝަން ކަންކަން ބެލެހެއްޓުމުގެ ބާރު ލިބިގެންދާނެއެވެ. އެއީ އާންމުކޮށް ސަޕޯޓަރުންގެ ބާރު އޮންނަ ފަރާތަކަށްވުން ގާތެވެ. އިނގިރޭސި ސަރުކާރުން މިނިވަން ރެގިއުލޭޓަރުންނަށް ބާރު ދޭން ނިންމާފައިވާކަން އިއުލާން ކުރީ 2022 ވަނަ އަހަރު ހުށަހެޅި ފޭން ރިވިއުއަކަށް ރިއާޔަތްކޮށެވެ.

ބިލްގެ މައުލޫމާތަށް ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ވިދާޅުވީ މާދަމާ ވެގެންދާނީ ފުޓްބޯޅަ ސަޕޯޓަރުންނަށް ތާރީހީ ދުވަހަކަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އާ މިނިވަން ރެގިއުލޭޓަރުންނާއެކު ސަޕޯޓަރުންނަށް އަޑުއަހާނެ ކަމުގެ ޔަގީންކަމެއް ލިބިގެންދާނެ ކަމަށެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ބައެއް ކްލަބުތަކަށް ނާއިންސާފުތަކާ ކުރިމަތިވެއްޖެ. މާލީ ގޮތުން ގޯސްކޮށް ކަންކަން ކުރުމަށްފަހު ސަލާމަތްވާ ވެރިން، އެންމެ ގޯސް ހާލަތުގައި ދަނީ މުޅި ކްލަބު އިނދަ ޖައްސާލާފައި. ބުރީ އާއި މެކްލްސްފީލްޑް ޓައުން ވިއްކާލި އިރު ދިމާވި މައްސަލަތަކުން ކްލަބުތަކުގެ ސަޕޯޓަރުންނަށް ތަސައްލީއެއް ހޯދައިދޭން ޖެހޭ،" ސުނާކް ވިދާޅުވިއެވެ.

ރެގިއުލޭޓަރަށް ބާރު ލިބިގެންދަނީ މައިގަނޑު ތިން ކަމެއްގެ ދަށުންނެވެ. އެއީ ކްލަބުތަކުގެ މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމާއި މުޅި ލީގުތަކުގެ މާލީ ހާލަތު ދެމެހެއްޓެނިވި ނިޒާމަކަށް ގެންދިޔުމުގެ އިތުރުން އިނގިރޭސި ފުޓްބޯޅައިގެ ތަރިކަ ރައްކާތެރިކުރުމެވެ. އޭގެ ތެރެއިން ކްލަބުތަކުގެ ވެރިންނަށް އަމަލު ކުރަން ޖެހޭ އުސޫލުތައް އިތުރުކޮށް، ކްލަބުތަކަށް ލައިސަންސް ދިނުމުގައި ކްލަބުގެ ވެރިޔާ ކްލަބު ދޫކޮށްދާ އިރުވެސް، އިނދަ ނުޖެހޭނެ ގޮތަކަށް ވިސްނުން ގެންގުޅެން ޖެހޭ ގޮތަކަށް ވަނީ ހުށަހަޅައިފައެވެ. އޭގެ އިތުރުން ކްލަބުތަކުގެ ވެރިން ބަދަލުވާ އިރު، ވެރިންގެ ސްކްރީނިން މަރުހަލާއަށް ބަދަލުތައް ގެންނަން ވިސްނާފައިވެއެވެ.

އާ ބިލާ ގުޅޭގޮތުން އިނގިރޭސި ފުޓްބޯޅަ ލީގު (އީއެފްއެލް) ގެ ޗެއާމަން ރިކް ޕެރީ ވިދާޅުވީ، ރަނގަޅު ގޮތުގައި ގާނޫނު ބައްޓަން ކުރެވިއްޖެ ނަމަ، މިހާރު ހަލާކުވަމުންދާ ކްލަބު ފައިނޭންޝަލް ސިސްޓަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ހާއްސަކޮށް ވާދަވެރިކަން އިތުރުކުރުމަށް ހިތްވަރު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރިމިއާ ލީގުގެ ބަޔާނެއްގައި ބުނެފައިވަނީ ބައެއް ގާނޫނުތަކާއެކު ލީގުގެ ފޯރި ގެއްލިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އާ ފުޓުބޯޅަ ހިންގުމުގެ ބިލާ ގުޅިގެންވެސް ބައެއް ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށެވެ.