ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނެބިލިޓީ އުސޫލާ ހިލާފުވެފައިވާތީ، ނޮޓިންހަމް ފޮރެސްޓް އަތުން ހަތަރު ޕޮއިންޓް އަތުލަން ނިންމައިފިއެވެ،

ޕްރިމިއާ ލީގުގެ ޕްރޮފިޓް އަދި ސަސްޓެއިނިބިލިޓީ އުސޫލުގެ ދަށުން އެ ލީގުގެ ކްލަބަކަށް ތިން އަހަރުން 105 މިލިއަން ޕައުންޑަށްވުރެ އިތުރަށް ގެއްލުން ވެއްޖެނަމަ އަދި ސީޒަނެއްގައި 61 މިލިއަން ޕައުންޑަށްވުރެ ގެއްލުން ބޮޑުވެއްޖެނަމަ ފިޔަވަޅު އަޅާނެއެވެ. ފޮރެސްޓަށް ފިޔަވަޅު އަޅާފައި ވަނީ މިނިވަން ކޮމިޝަނަކުން ބަލައި، މިދިޔަ 2022-23 ވަނަ އަހަރު ސީޒަނުގައި އެ ކްލަބަށް 61 މިލިއަން ޕައުންޑަށްވުރެ، 34.5 މިލިއަން ޕައުންޑް ގެއްލުން ވެފައިވާތީއެވެ.

ފޮރެސްޓްގެ ހަތަރު ޕޮއިންޓް އުނިވުމާއެކު އެޓީމު ވަނީ ލުޓޮންގެ ފަހަތުން ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ.

ޕޮއިންޓް އުނިކުރުމާ ގުޅިގެން ފޮރެސްޓުން ނެރުނު ބަޔާނެއްގައި ބުނީ ޕްރިމިއާ ލީގަށް އެއްބާރުލުން ދީގެން މަސައްކަތް ކުރަމުން ދަނިކޮށް، އެ ކްލަބު ބަދުނާމުވާފަދަ ގޮތަކަށް ފިޔަވަޅު އެޅުމަކީ ލިބުނު ހައިރާން ކަމެއް ކަމަށެވެ. އަދި އެ ކްލަބަށް ސަޕޯޓަރުން ކުރަމުންދާ އިތުބާރަށް ހުރަސް އެޅުމަށް ޕްރިމިއާ ލީގުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ގޮވާލައި، ފޮރެސްޓުން ބުނެފައި ވަނީ ހުރިހާ ކްލަބާމެދު ހަމަހަމަ އުސޫލަކުން ކަންކަން ކުރުމަށެވެ.

ފޮރެސްޓް އަތުން ހަ ޕޮއިންޓް އަތުލަން ފުރަތަމަ ނިންމި ނަމަވެސް، ޕްރިމިއާ ލީގުން ބުނެފައި ވަނީ މައްސަލައިގެ ތެރޭގައި ފޮރެސްޓުން ދިން އެއްބާރުލުމަށް ބަލައި ގޮތް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން އެވަޓަންއަށްވެސް ބޮޑު ފިޔަވަޅެއް އަޅާފައިވާ އިރު، ފޮރެސްޓްގެ ގެއްލުން އެވަޓަންއަށްވުރެ ބޮޑެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ފޮރެސްޓްގެ އަދަބު ކުޑަވީ ދިން އެއްބާރުލުމުގެ ސަބަބުންނެވެ.