ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.

ރައީސް ފުރަތަމަ ދޮރުން ދޮރަށް ހިންގެވީ، ހެންވޭރު ހުޅަނގު ދާއިރާގައެވެ. އެގޮތުން މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން އަސުރަށް ގޮވުމާ ހަމައަށް އެ މަނިކުފާނު ވަނީ އެ ދާއިރާގެ ހަ ގެއަކަށް ވަޑައިގެން، އެ ގޭގެ މީހުންނާ ބައްދަލުކުރައްވައި އެ ދާއިރާގެ ސަރުކާރު ކެންޑިޑޭޓް އަލީ އިބްރާހިމް (ކައްޕި) އަށް ތާއީދު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވައިފައެވެ.

ކައްޕި ވަނީ ރައީސާއެކުގައި އެ މަނިކުފާނު މިއަދު ވަޑައިގެންނެވި ހުރިހާ ގެއަކަށް ވަޑައިގެންފައެވެ.

ރައީސް މިއަދުގެ ދޮރުން ދޮރުން ހިންގެވުމުގެ ހަރަކާތް ނިންމަވާލެއްވީ، ރޯޝަނީ މަގުގައި ހުންނަ ކައްޕިގެ ކެމްޕެއިން ޖަހަގައިންނެވެ. އެ މަނިކުފާނު ވަނީ އެ ޖަގަހައަށް ވަޑައިގެން ކެމްޕެއިން ޓީމާއި އެ ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ރައީސް ދޮރުން ދޮރަށް ހިންގެވި އިރު، އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރީންނާއި ރައީސް އޮފީހުގެ ބައެއް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.