ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިންގެ މީހުންގެ ތެރެއިން އިތުރު ބެޗެއް އަންނަ މަހުގެ 10ގެ ކުރިން ގެންދަން އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާތަކަށް ހައި ލެވެލް ކޯ ގުރޫޕެއް އެކުލަވައިލަން ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން މި އަހަރުގެ ޖަނަވަރީ މަހުގެ 14ގައި ރާއްޖޭގައި ބޭއްވި އިރު، ދެވަނަ ބައްދަލުވުން ބޭއްވީ ހުސްވި ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ދިއްލީގައެވެ. އެންމެ ފަހުން ބޭއްވި ބައްދަލުުވމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާލަން އެ ގައުމުން ވަނީ އެއްބަސްވެފައެވެ.

އެގޮތުން ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މި މަހުގެ 10 ގެ ކުރިން ގެންގޮސްފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ. ގެންދިޔައީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ގަމުގައި ގާއިމުވެ ތިބި 26 ސިފައިންނެވެ. އެ މީހުންގެ ބަދަލުގައި އެ ހެލިކޮޕްޓަރު ދުއްވަން މިހާރު ތިބީ އިންޑިއާގެ ސިވިލިއަނުން ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ހައި ލެވެލް ކޯ ގުރޫޕުގެ ތިންވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ބޭއްވުމަށް ފަހު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ބާކީ ދެ ޕްލެޓްފޯމުގައި ތިބި ސިފައިން ދެ ތާރީހެއްގައި ގެންދަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބެޗު އަންނަ އޭޕްރީލް 10 ގައި އަދި އަނެއް ބެޗު މެއި 10 ގައި ގެންދާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ދެ ތާރީހުގައިވެސް ރާއްޖެއިން ގެންދާނީ ކިތައް އިންޑިއާގެ ސިފައިންގެ މީހުން ކަމެއް ނުބުނެއެވެ.