މިމަހުގެ 22 ވަނަ ދުވަހަށް ތާވަލުކޮށް ބާއްވަން މަސައްކަތް ކުރަމުންދާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގެ ވޯޓު ލެވޭ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އިއްޔެ ހުޅުވާލައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވާން މަސައްކަތްކުރާ މި އިންތިހާބު، މިހާރު ކުރިއަށްދާ ގޮތަށްދާ ނަމަ ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވަނީ ވިދާޅުވެފައެވެ. އެހެން އަންގާފައި އޮތް ނަމަވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ދަނީ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންނެވެ. އެ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރަން އަންގާފައިވަނީ އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމުގެ ތުހުމަތުތަކުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް ކުރިއަށްދާތީއެވެ.
ސްޕޯޓްސް ކޮމިޝަނަރު އަންގާފައިވާ އޮތް އެންގުން އޮތް ނަމަވެސް، ބީއޭއެމްއިން ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މެމްބަރުންގެ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އެކަމެއް ލިޔުމުން 18 މާރިޗު 2024 ވާ ހޯމަ ދުވަހު (މާދަމާ) ގެ 12:00 ގެ ކުރިން އެސޯސިއޭޝަނަށް ގޮސް ޝަކުވާ ހުށަހަޅަން އެދިފައެވެ.
ޝަކުވާ ހުށަހަޅަން ކުރި އިއުލާނާއެކު ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ވޯޓު ލެވޭ ފަރާތްތައްވެސް އާންމުކޮށްފައެވެ. އެގޮތުން އެސޯސިއޭޓް މެމްބަރު ކްލަބުތަކުގެ ގޮތުގައި ވޯޓު ލެވެނީ ކްލަބު ސްޓެޓިކާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑެމީއަށެވެ.
އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކުގެ ތެރެއިން ދެ ފަރާތަކަށް ވޯޓުލާން ފުރުސަތު ދީފައިވެއެވެ. އެއީ ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީއަށެވެ. ބީޑީސީތަކުގެ މެމްބަރުންގެ އަދަދު މީގެ ކުރިން ހާމަކޮށްފައިނުވާ އިރު، ބީޑީސީތަކަކީ ވޯޓު ކޮންޓްރޯލުކުރަން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ޝަކުވާ އުފުލައިފައެވެ. ހާއްސަކޮށް މިހާރުގެ ރައީސް މޫސަ، ރައީސް ކަމަށް އަންނަން ބޭނުންކުރާ ވަސީލަތަކަށް ބީޑީސީތައް ހަދާފައި އޮންނަ ކަމަށްވެސް ޝަކުވާތައް އުފުލާފައިވެއެވެ.
އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް، އިއްޔެ ކުރި އިއުލާނުގައި ބީޑީސީތަކުގެ މެމްބަރުންގެ އަދަދު ހާމަކޮށްފައިވެއެވެ. އެގޮތުން ނ. ހޮޅުދޫ ބީޑީސީގެ މެމްބަރުންގެ އަދަދަކީ 109 ކަމަށް ބުނެފައިވާ އިރު، އައްޑޫ ބީޑީސީގެ މެމްބަރުންގެ އަދަދެެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 118 އެވެ. އޭގެ އިތުރުން އާންމު މެމްބަރުންގެ ތެރެއިން 80 މެމްބަރަކަށް ވޯޓު ލެވޭ އިރު، އެސޯސިއޭޝަނުން ބުނެފައިވަނީ އެ މެމްބަރުންނަކީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދަވާފައިވާ 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ނިޔަލަށް، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް މެމްބާޝިޕް ފީ ދައްކާފައިވާ އަމިއްލަ މެމްބަރުން ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް