މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޓެލެގްރާމް ޗެނެލް ހިންގި މީހުންގެ އެކައުންޓްތަކުން ދެ މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ވަނީ މި މަހުގެ ހަ ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި ހިންގި މި ޓެލްގްރާމް ޗެނެލްތަކުގެ މައްސަލައިގައި ހަތަރު ތަނެއް ބަލައި ފާސްކޮށް ފުލުހުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ.

  • މަނީ ލޯންޑަރިން
  • ހަށިވިއްކުން
  • ހަށިވިއްކުމަށް ހިތްވަރު ދިނުން
  • ޑްރަގް ޓްރެފިކިން
  • އޮރިޔާން ކާޑު އުފެއްދުން
  • އޮރިޔާން ކާޑު ބެހުން
  • ފޯޖު ޑޮކިއުމެންޓް ތައްޔާރުކުރުން

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޭސްގެ އިތުރު ތަފްސީލުދެއްވަމުން ސައިބާ ޕޮލިސިން ސެންޓަރުގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓިވް އޮފިސަރެއް ކަމަށްވާ އާމިނަތު މުހައްމަދު ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.

އާމިނަތު ވިދާޅުވީ، އެ މީހުން އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރި ނަމަވެސް އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ރޯލްވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުމެއްވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ

"ކޮންމެ ފަރާތެއްގެ އެކައުންޓުންވެސް ގިނަ އަދަދެއްގެ އެރައުންޑް ދެ މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުވެފައިވާކަން ފާހަގަކުރެވޭ. ނަމަވެސް މި މައްސަލައިގައި އަދިވެސް ގިނަ ބައެއްގެ އެކައުންޓުތައް ބަލަމުންގެންދާތީ އެއީވެސް ވަގުތުތަކެއް ނަގާނެ ކަމަކަށްވާތީ އެ ހުރިހާ ފަރާތްތަކުގެ އެކައުންޓުތަކުގެ ތަފްސީލު މިވަގުތު އަޅުގަނޑުންނަށް ދެވެން ނެތް،" އާމިނަތު ވިދާޅުވިއެވެ.

އާމިނަތު ވިދާޅުވީ، އެ ޗެނަލްތައް މެދުވެރިކޮށް ހަށި ވިއްކަން ގިނަ އަދަދެއްގެ ބިދޭސީ މީހުން ރާއްޖެ ގެނެސްފައިވާ ކަމަށާއި ދިވެހިންވެސް ޝާމިލުވާ ކަމަށެވެ. އަދި، ހަށިވިއްކަން މީހުން އެކި ތަންތަނަށް އުފުލަނީ އެކަމަށް ހާއްސަ ޓެކްސީއެއްގައި ޓެކްސީ ޑްރައިވަރާވެސް ގުޅިގެން ކަމަށެވެ.

އާމިނަތު ވިދާޅުވީ، ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަނީ އެކަމަށް ހާއްސަ ޕޯސްޓުތައް ޓެލެގްރާމް ޗެނަލަށް ލައިގެން ކަމަށާއި އެކަން އާއްމުގޮތެއްގައި ކުރަނީ މެންދުރު ގަޑީގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި ޗެނެލްއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި މި ބާވަތުގެ މައްސަލަތައް ހިންގި ޗެނެލްކަން. މި ޗެނެލްގަ ގާތްގަނޑަކަށް 7000 އަށްވުރެ ގިނަ މީހުން ވާކަން ފާހަގަކުރެވޭ. މީގެ ތެރެއިން ދިވެހިންނާއި ބިދޭސީން ވެސް ހިމެނޭ." އާމިނަތު ވިދާޅުވިއެވެ.

އާމިނަތު އިތުރަށް ވިދާޅުވީ، އެ ޗެނެލްތަކުގެ ކޮންޓްރޯލު މިހާރު އޮތީ ފުލުހުންގެ އަތުގައި ކަމަށެވެ.