ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ގްރޫޕް ބީގައި މުއިވެޔޮ ފްރެންޑްސްއިން ކުޅުނު ފުރަތަމަ މެޗުގައި ލެގޫންސް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފިއެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި މުއިވެޔޮ ފްރެންޑްސްއިން ލެގޫންސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ މުބާރާތުންވެސް ލެޖެންޑަރީ ކުޅުންތެރިން ފެނިގެންދާ އިރު، އިއްޔެގެ މެޗުގައި ރާއްޖޭގެ ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ފެނިގެން ގޮސްފައިވެއެވެ. އާންމުކޮށް ފުޓުބޯޅަ އަދި ފުޓްސަލްވެސް ކުޅުއްވާ ބޭފުޅެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަކޮށްލެވޭ އިރު، އޭނާއަކީ މުއިވެޔޮ ފްރެންޑްސްގެ ކެޕްޓަނެވެ.

އިއްޔެގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ލެގޫންސްއިން ލީޑު ނެގިއެވެ، އެ ގޯލު ޖެހީ މުހައްމަދު އަރީފެވެ. އެ ގޯލާއެކު ފުރަތަމަ ހާފު ނިމެން ދަނިކޮށް މުއިވެޔޮއިން އެއްވަރު ކުރި އިރު، އެ ގޯލު ޖެހީ އަހުމަދު ސައީދު (އަންމަޓީ)އެވެ. އަންމަޓީ އިއްޔެގެ މެޗުގައި މޮޅަށް ކުޅެފައިވާ އިރު، އޭނާ ވަނީ ދެވަނަ ހާފަށް ނުކުމެ އިތުރު ގޯލެއްވެސް ޖަހައިފައެވެ.

އަންމަޓީގެ ގޯލުގެ އިތުރުން ދެން ދެވަނަ ހާފުގައި މުއިވެޔޮއަށް ގޯލު ޖަހައިދިނީ ނައިބް ރައީސްއެވެ. ނައިބް ރައީސްގެ ގޯލު ފެނިގެން ދިޔައީ ފަހު މިނެޓުގައެވެ.

މިފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ ވެޓެރަންސް މުބާރާތަކީ ރަމަޟާން މަހާ ދިމާކޮށް ގިނަ ފަހަރެއްގެ މަތިން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާއެވެ. އޭގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސޮކަ ވެޓެރަންސް އެސޯސިއޭޝަން އަދި ހުޅުމާލެ ވެޓެރަންސް ކްލަބުން ވެސް ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.