ސަރުކާރު ވައްޓާލަން ޖެހިއްޖެއްޔާ، އެމްޑީޕީން ވެރިކަން ވައްޓާލަން ޖެހޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރައްވާ ފަތުހުﷲ ޖަމީލުގެ ކެމްޕޭން ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ދޮގު ހަދައިގެން ބަޔަކު ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމާ ހަވާލުވީ ކަމުގައިވީ ނަމަވެސް، މި ގައުމު އަނބުރާ އަނެއްކާވެސް އަނިޔާވެރި އަދި ފުދުންތެރިކަން ނެތް ގައުމަކަށް ހަދަން ޖާގަ ދެވެން ނެތް ކަމަށާއި އެކަން ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށެވެ.
"މިސްރާބު ހަމަމަގަށް އެޅުވުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލު ޔަގީންކުރަން. އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި ޔަގީންކުރަން އެބަޖެހޭ، މި ސަރުކާރު ބޭނުންހާ ގޮތަކަށް މި ގައުމަށް ހަދާލަން ޖާގަ ނުދިނުމަށްޓަކައި. އަޅުގަނޑު މި ދަންނަވަނީ އެއްވެސް ވަރަކަށް ސަރުކާރަށް ޖެއްސުން ކުރާ ވާހަކައެއް ނޫން، ސަރުކާރު ވައްޓާލަން އުޅޭ ވާހަކައެއް ނޫން. ވައްޓާލަން ޖެހިއްޖެއްޔާ، ވައްޓާލަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ނޫނީ މި ސަރުކާރު އޮބިއެއް ނޭޅޭނެ ކަމަށާއި އޮބިނޭޅޭ ކަމަށްވަންޏާ މިދިޔަ ހަތަރު މަސްދުވަހު ފެނުނު ކުލަވަރުން ސަލާމަތް ނުވާ ހިސާބަށް މި ގައުމުގެ ކަންތައްތައް ހިނގައިދާނެކަން އެނގޭ ކަމަށެވެ. އަދި އެންމެ އަނިޔާވެރި ސަރުކާރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރު ކަމަށް ކުރިން ހީކުރެވުނު ކަމަށް ވިދާޅުވިއެވެ.
"ނޫން، އަޅުގަނޑަށް އެއަށްވުރެ މާބޮޑަށް އަނިޔާވެރިކަން އެބަ ފެނޭ މި ސަރުކާރާ އެއްކޮށް. ރައީސް ޔާމީންގެ ސަރުކާރުގައި އަނިޔާކުރެއްވީ ރައީސް ޔާމީންގެ ވެރިކަމާ ތޮޅޭ މީހުންނާ، އެގޮތަށް އެބޭފުޅާއަށް ދެކެވުނީ އެޕޮޒިޝަނެއް އޮވެގެން ނުވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ސަރުކާރާ ގުޅޭ ބޭފުޅަކާ ދެކޮޅަށް އެއްޗެކޭ ބުނާ މީހެއް ކަމަށްވިޔަސް، ހއ. ވަށަފަރޭ ނުވަތަ ލ. ފޮނަދޫއޭ ކިޔައިގެން އެއްޗެކޭ ބުނާ މީހެއް ވިޔަސް، އެ އެންމެންނާ ދޭތެރޭ މި ސަރުކާރުން ޒާތީވާނެ ތަން ފެންނަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު