ދިވެހި އަސްކަރިއްޔާ، އެމްއެންޑީއެފްގެ އެއާ ކޯ އުފެއްދުމަށް ބޭނުންވާ ޑްރޯންތަކުގެ ތެރެއިން ބައެއް ޑްރޯންތައް ތުރުކީން ހިލޭ އެހީގެ ދަށުން ފޯރުކޮށްދިނުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާނަށް ޝުކުރު އަދާކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހުކުރުމާއި، ތުރުކީން ގެނައި ޑްރޯންތައް ބޭނުންކުރަން ފެށުމަށް ނ. މާފަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޑްރޯން ބޭނުން ކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރެވުނީ އެ މަނިކުފާނު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސާއެކު ކަމަށެވެ. ރައީސް ވިދާޅުވީ މިވަގުތު ތިން ޑްރޯން ބޭނުން ކުރަން ފެށި ނަމަވެސް ތުރުކީގެ ރައީސްއާއެކު އޮންނަ ގާތްގުޅުމުގެ ސަބަބުން އެ އަދަދު މުސްތަގުބަލުގައި އިތުރުވެގެންދާނެ ކަމަށެވެ.

"އަދި މީގެ ގިނަ އާލާތްތަކަކީ (ޑްރޯން) މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތިކަން އަޅުގަނޑު ފަހުރުވެރިކަމާއެކީ ފާހަގަކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުރުދުގާނަކީ އިސްލާމީ އުންމަތުގެ މިއަދުގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ގިނަ މުސްލިމުން ދެކޭ ކަމަށެވެ. ރާއްޖޭގައި އެއާ ކޯގެ ހިދުމަތް ފެށިގެން ދިޔުމުގައި އުރުދުގާންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ހޯދުމަށް ވެސް މީގެ ކުރިން ޖެހެނީ އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަން ކަމަށާއި އެއީ އޭރު އެ ކެޕޭސިޓީ ނެތުމުން ކަމަށެވެ.

"އެހެންނަމަވެސް މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓީމާ އަޅުގަނޑުމެންގެ މިނިވަންކަން އިރާދަކުރެއްވިއްޔާ އެބަ ޔަގީންވެގެންދޭ. ހާލުގައި ޖެހިގެން ހޯދަން ޖެހޭ މީހާ ނުހޯދިގެން މީގެ ކުރިން އުޅެން ޖެހުނުހާ ގިނަ ވަގުތު ދެން އުޅެން ނުޖެހޭނެކަން އިރާދަކުރެއްވީތީ ޔަގީންވެގެން އެބަދޭ. މި ދެންނެވި ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ސަރަހައްދަކީ ދެން މީގެ ފަހުން އިރާދަކުރެއްވިއްޔާ ހަމަ ކޮންމެ ވަގުތުކޮޅެއްގައި ވެސް އަޅުގަނޑުމެންގެ ސާވެލަންސްގެ ދަށުން ބެލެހެއްޓޭނެ ސަރަހައްދެއްކަން، އެގޮތަށް ހާލުގައި ޖެހޭ މީހުން ހޯދުމުގައި އިސާހިތަކު އެކަން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ މި ލިބިގެންދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ހާލަތު ހުރި ގޮތުން ކަނޑުމަގުން ޑްރަގުގެ އެކިކަހަލަ މުއާމަލާތްތައް ކުރާ ކުރުމުގައި، އެކަންކަން ހުއްޓުމަށް ވެސް މީގެ ކުރިން ޖެހެނީ ކޮންމެވެސް އެހެން ފަރާތްތަކެއްގެ އެހީތެރިކަން ހޯދަން ކަމަށާއި ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވީއެވެ.

"މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރަށްރަށަށް ޑްރަގު އެތެރެކޮށް، ކަނޑުމަގުން އެތެރެކޮށް ހެދުމުގައި މިހާރު ދެން މީގެ ފަހުން އަޅުގަނޑުމެންގެ ސާވޭލަންސް ވަރުގަދަވެގެން ދިޔައީމާ، މި ޔޫއޭވީތަކުގެ އެހީގައި އެކަން ހުއްޓިގެންދާނެ އިރާދަކުރެއްވިއްޔާ. އެ ހިސާބަށް އަޅުގަނޑުމެން ގެންދަން މަސައްކަތްކުރާނީ، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދު ތައާރަފުކުރެވުނު ޑްރޯންތަކުގެ އެހީގައި މަސްވެރިންނަށް ވެސް އިތުރު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި މިރޭ ތައާރަފުކުރި އެޕްލިކޭޝަން މެދުވެރިކޮށް ޑްރޯންތަކުގެ އެހީގައި މަސްއައިންތައް ހޯދުމަށް މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.