ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކަން އުޅުނު ހަތް ބިދޭސީން ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓް ކުރަން ނިންމާފައިވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މ. ސްޓާކްލައުންޑްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމުގައި ހަރަކާތްތެރިވާކަން ފާހަގަކުރެވި، އެ މީހުން ދެނެގަތުމަށް މި މަހުގެ ނުވަވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ އެ އިދާރާގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ހަތް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ޝައްމާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބިދޭސީންނާ މެދު އަމަލުކުރަން ނިންމާފައިވާ ގޮތް ގިނަ ބަޔަކު އަހަމުންދާ ކަމަށެވެ.

"އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓު ކުރުމަށް ވަނީ ހަމަޖެހިފަ. މިކަމާ ގުޅިގެން ސުވާލު ކުރައްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި މި ވާހަކަ ދަންނަވަން،" ޝައްމާން ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ބިދޭސީންގެ ތެރޭގައި ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.

މި ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި ވޭތުވެދިޔަ އަހަރުތަކާ އަޅައިބަލާ އިރު، ގިނަ އަދަދެއްގެ ބިދޭސީން ފުރުވާލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް އެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ އެ އިދާރާގެ އެންމެ އިސް މަގުސަދު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.