(8 މާޗުގެ އަދަދާ ގުޅޭ)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެ ޚަބަރު ލިބިވަޑައިގެންނެވުމުން، ހަމައެވަގުތު އެތަނަށް ފައިންޕުޅު ބީއްސަވައިފިއެވެ. ޔަހޫދީންނަށް ނަސޭހަތްދެއްވައި، އެފަދަ ހަޑިހުތުރު ކަންތައް ނުކުރާން އިންޒާރު ދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. "އޭ ޔަހޫދީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ނަފުސުތައް އިޞްލާޙުކުރާށެވެ. އެހެންނޫނީ، ބަދުރުގައި ޤުރައިޝުންނަށް އެޖެހުނުފަދަ ކަމެއް ޖެހިދާނެއެވެ." (ސީރަތު އިބްނު ހުޝާމް، ޖިލްދު 21، ޞަފުޙާ: 179)
ޔަހޫދީންގެ ހިތްތަކަށް ތޫނު ކަށިތަކެއް ހެރުމުގެ ސަބަބަކަށްވި އެއްމައްސަލައަކީ، އަންޞާރުންގެ ތެރޭގައި އިސްލާމީ ތަޙްރީކުގެ ސަބަބުން ދިރޭ އައުރޫޙެއް އުފެދި އާލާވުމެވެ. މުޤައްދަސް އަމާޒުފަތްގަނޑަކަށްޓަކައި އަންޞާރުން ވަނީ އެބޭކަލުންގެ ވިލިތަކުގެ މެދުގައި އެއްބައިވަންތަކަން އުފައްދަވައިފައެވެ. މުހާޖިރުންނާވެސް އަތްޕުޅާއި އަތްޕުޅު ގުޅައިލައްވައި ކޮނޑުފުޅާ ކޮނޑުފުޅު ޖައްސަވައިފައެވެ. އެއްބައިވަންތަކަމުގެ ރަން ގިލަފަތްޗެއް ފަދައިން އެމުނި އެކުލެވިވަޑައިގެންފައެވެ. ނަބަވީ ހިޖްރައިގެ ކުރީން އަންޞާރުން ތިއްބެވީ ޔަހޫދީންނަށްވުރެ ވިސްނުންފުޅުގެގޮތުންނާއި ސިޔާސީގޮތުންނާއި މަޢީޝީގޮތުން މާބަލިކަށިފުޅުކޮންނެވެ. މިބަދަލުތައް އެންމެބޮޑަށް އަދި އެންމެ ނުރައްކައުތެރި ކަމެއްގެގޮތުގައި އިޙްސާސްކުރީ ޔަހޫދީންގެ ޙިބްރުންކުރެ މަޝްހޫރު ޗާލާކު މުސްކުޅިޔެއްކަމުގައިވާ شـمّـــاش بــــن قيـس އެވެ. އޭނާއަކީ ޙައްޤު ދީނުގެ ތަޙްރީކުގެ ބައިވެރިންނާމެދު އަބަދުވެސް ހަސަދައާއި ނީހައިން ހިތް ފުރައިލައިގެން ހުންނަ މީހެކެވެ.
شـمّـــاش بــــن قيـس އަށް އެއްދުވަހަކު ފެނުނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަންޞާރުންކުރެ ޚަޒުރަޖުވަންހައާއި އައުސުވަންހައިގެ ޒުވާން ޞަޙާބީން އެއްތަނެއްގައި ވައިޖައްސައިލައްވައި ހިތްޕުޅު އުފާކޮށްލައްވާން ތިއްބަވަނިކޮށެވެ. އެބޭކަލުންގެ ހިތްޕުޅުގެ އެކުވެރިކަމާއި އިސްލާމްދީން އެބޭކަލުންގެ މެދުގައި އުފައްދައިފައިވާ އިޖްތިމާޢީ އުލްފަތު ފެނުމުން ހަސަދަވެރި شـمّـــاش ގެ ހިތަށްކުރި ބާރުން ލަގޮނޑިފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނާގެ ހިތަށް އެރިއެވެ. محـمّــد ގެފާނުގެ (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ޙިކުމަތްފުޅުން ޤައިލަތުގެ ދަރީން މިވަނީ ކިރާއި ހަކުރަށް ހައްދަވައިފައެވެ. މިބައިމީހުން މިގޮތަށް އެކުވެރިކަމުގައި އުޅޭނަމަ ޔަހޫދީން މަޑުވެތިބޭކަށެއް މަދީނާއެއް ނޯންނާނެއެވެ. شـمّـــاش އޭނާގެ ހިތުގައި ފިތުނައިގެ ލާވާއެއް އުފައްދައިލިއެވެ. އޭނާގެ ފަހަތުން ތެތްފޮށާ އުފުލަން ގެންދިޔަ ޔަހޫދީ ކުއްޖެއްގެ ގާތުގައި ބުންޏެވެ.
"ކަލޭ ގޮސް އެތިބަ މީހުންގެ ގާތުގައި އިށީނދެ އެބައިމީހުންނާ އެއްބައިވެ އެބައިމީހުނާ ވާހަކަ ދައްކައިބަލާށެވެ. ވާހަކައިގެ ތެރޭގައި ބުޢާޘު ހަނގުރާމައާއި އޭގެކުރީން ޚަޒުރަޖުވަންހައާއި އައުސުވަންހަޔާ ދެމެދު ކުރެވުނު ހަނގުރާމަތަކުގެ ވާހަކަޔަށް އަޅުވައިލަބަލާށެވެ."
شـمّـــاش ގެ އެޖެންޓް އޭނާގެ ދައުރު ވަރަށް ފުރިހަމަޔަށް އަދާކުރިއެވެ. އެ މަޖްލިސުގައި ތިއްބެވި ޚަޒުރަޖުވަންހައާއި އައުސުވަންހައިގެ ޒުވާން ޞަޙާބީންގެ ކުރިފުޅުމަތީގައި ޖާހިލިއްޔަތުގެ ތާރީޚުގެ އަނދިރި ބާބު ހުޅުވައިލުމާއެކު، އެބޭކަލުންގެ ވާހަކަފުޅުގެ މައުޟޫޢަކީ އެވާހަކަތައްކަމުގައި ވެއްޖެއެވެ. ދެފަރާތުގެ ވާހަކަފުޅުތައް ހޫނުވެ އާވިއަރާން ފަށައިފިއެވެ. ނަފުރަތުގެ އަސަރު ފާޅުވާން ފަށައިފިއެވެ. ދެފަރާތުގައި ތިއްބެވި ތަންކޮޅެއް ފޯރިގަދަ ބޭކަލުން ކުރިޔަށް ނުކުމެވަޑައިގެން ވިދާޅުވާން ފައްޓަވައިފިއެވެ. "އަނެއްކާވެސް ހަނގުރާމަކޮށްލަމާ ހިނގާށެވެ. އޭރުން ކާކަކީ ކާކުކަން އެނގިދާނެއެވެ. – ހަތިޔާރު – ހަތިޔާރު – ހަތިޔާރު ގެންނާށެވެ." އަޑުފުޅު ބާރުވާން ފަށައިފިއެވެ. އައުސުވަންހައިގެ ބޭކަލުން އައުސުވަންހައިގެ މީހުންނަށް ޚަޒުރަޖުވަންހައިގެ ބޭކަލުން ޚަޒުރަޖުވަންހައިގެ މީހުންނަށް ގޮވައިލައްވާން ފައްޓަވައިފިއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް މި ޚަބަރު ލިބިވަޑައިގެންނެވުމުން މުހާޖިރިއްޔަ ބޭކަލުންގެ ބޮޑުންކުރެ ބައެއް ބޭކަލުން ގޮވައިގެން އެތަނަށް ފައިންޕުޅު ބީއްސަވައިފިއެވެ. އޭރު އަންޞާރުންގެ ދެވަންހަ ހަނގުރާމައިގައި ބައްދަލުކުރައްވާނެ ތަނަކާއި ވަގުތު ކަނޑައަޅުއްވައިފައި އެތަނަށް ވަޑައިގަންނަވާން ނުކުމެވަޑައިގަންނަވަނީއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެތަނަށް ވަޑައިގެން ހަރުއަޑުފުޅުން ވިދާޅުވިއެވެ. "އޭ މުސްލިމުންނޭވެ! މާތް اللّــــه ގެ ރަސްކަންފުޅު ހަނދުމަކުރާށެވެ. އެކަލާނގެވަނީ ތިޔަބައިމީހުންނަށް އިސްލާމްދީނުގެ ތެދުމަގަށް މަގުދައްކަވައިފައެވެ. އެކަލާނގެ މާތް ދީނުގެ ސަބަބުން ތިޔަބައިމީހުން މަތިވެރި ކުރައްވައިފައެވެ. ތިޔަބައިމީހުންގެ ކަނދުރާތަކުގައި އެޅިފައިވާ ޖާހިލިއްޔަތުގެ ކަސްތަޅުތައް ބުރިކުރައްވައި މިނިވަންކުރައްވައިފައެވެ. ތިޔަބައިމީހުންގެ ހިތްތައް ލޯތްބާއި އެކުވެރިކަމުގެ ގުޅުއްވުމަކުން ގުޅުއްވައިދެއްވައިފައެވެ. ކަންމިހެން ހުރުމާއެކުވެސް އަހުރެން ތިޔަބައިމީހުންގެ ތެރޭގައި ހުއްޓައިމެ ތިޔަބައިމީހުން ޖާހިލިއްޔަތުގެ ގޮވެލިފަތިތައް ގޮވައި ހަނގުރާމަވެސް ކުރާންވީ ހެއްޔެވެ؟"
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ވާހަކަފުޅު މިހައިތަނަށް ގެންދަވާއިރަށް އަންޞާރުންގެ ޖޯޝް ފިނިވެއްޖެއެވެ. ކުރިޔަށް އަޅުއްވަމުންގެންދެވި ފިޔަވަޅުފުޅުތަކަށް ހުއްޓުން އަރައިފިއެވެ. ހުރިހައި ދެކޮޅުވެރިކަމަކާއި އަރައިރުމަކީ ޝައިޠާނީ ފިތުނަކަން ވިސްނިވަޑައިގެންފިއެވެ. ނުހަނު ބޮޑަށް ދެރަފުޅުވެ ކިޔަމަންތެރިވެވަޑައިގެން އިސްދަށަށް ޖައްސަވައިގެން ތިއްބަވައި ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ.
މިބާވަތުގެ ހޯބޯލެއްވެވުމެއްވަނީ ބަނުލްމުސްޠަލިޤު ހަނގުރާމައިގެ ދަތުރުފުޅުގައިވެސްވަނީ ހިނގައިފައެވެ. އެފަހަރު އެކަންތައް އުފެދުނީ އަންޞާރުންނާއި މުހާޖިރުންނާ ދެމެދުގައެވެ. އެއީވެސް ޔަހޫދީންގެ އެޖެންޓުންކަމުގައިވާ ފަސްވަނަކޮލަމުގެ މުނާފިޤުން ރޯކުރި ފިތުނައިގެ އަލިފާންގަނޑެކެވެ. މިކަމުގެ އިސްމޭސްތިރިޔަކީ މުނާފިޤުންގެ ރައީސް عـبــد اللّـــه بـــن أبــّــي بـــن ســلـــول އެވެ. އޭނާގެ މައްޗަށް އެކަށީގެންވާ ތަޢާރުފެއް އަޅުގަނޑުވާނީ މި ސިލްސިލާގެ އިސްވެދިޔަ ޞަފުޙާތަކުގައި ގެނެސްދީފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަހަރުވެސްވަނީ ފިސާރި ޙިކުމަތްތެރި ގޮތްކޮޅަކަށް ޙާލަތުގެ މައްޗަށް ބާރު ހިންގަވައިފައެވެ.
ފަސްވަނަކޮލަމުގެ މީހުން އުފެއްދި މިބާވަތުގެ ފިތުނަވެރި ޙަރަކާތްތަކުގެ ތެރެއިން އެންމެބޮޑަށް ރާވައިގެން ޢަމަލީސިފަގެނައި ކަމަކީ مـسجــد ضـــــرار ބިނާކުރުމެވެ. އެ ފިތުނައިގެ ޙަޤީޤީ ބާނީއަކީ ޚަޒްރަޖުވަންހައިގެ ރާހިބެކެވެ. أبـــو عـــامــــــر އެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ގެމަށް ވޮޑިގަތުމުގެ ކުރީން މަދީނާގައި އޭނާގެ އަސަރާއި ނުފޫޒު ވަރަށް ގަދައެވެ. އޭނާގެ ފޮތްތެރިކަމާއި ދަރުވޭޝީ ޚަޞީލަތުގެ ސަބަބުންނެވެ. ނަމަވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ފައިންޕުޅު ބީއްސެވުމާއެކު އޭނާގެ ބައްތި ކަނިވާން ފަށައިފިއެވެ. އެންމެފަހުން އެބައްތި މުޅީން ނިވިއްޖެއެވެ. އެކަމާހުރެ އެބުރަންމާނީ ކަލޭގެހުރީ ނޯށުން ރޮވިރޮވިއެވެ. ބަދުރު ހަނގުރާމައިން އޭނާގެ މުސްތަޤްބަލުގެ ޗާޓު ކުރެހުނުގޮތާމެދު ފިކުރު ހިންގައިލުމުން އޭނާގެ ދެލޮލަށްވަނީ ޚަންޖަރު ހެރިފައެވެ. އުޙުދު ހަނގުރާމަ ކުރުވަން މައްކާގެ މުޝްރިކުންނަށް އެންމެބޮޑަށް ވަސްވާސްދިން އެކަކީވެސް އޭނާއެވެ. އޭނާ ޢަރަބި ޤަބީލާތަކުގެ ބޮޑުން އޭނާއާ އެއްބައިކުރެވޭތޯވެސް ލައްކަ ދުވުންތަކެއް ދުވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ދެކޮޅަށް ބަޣާވަތްކުރައްވަން އަންޞާރުންނަށް ފާޅުގައި ދަޢުވަތުދިނެވެ. އޭނާ ރޫމީންގެ ހިރަގުލަށް މަދީނާއަށް ޙަމަލަދެއްވުންއެދި ދަޢުވަތުދިނެވެ. (ތަފްސީރު އިބްނު ކަޘީރު ޖިލްދު: 4، ޞަފުޙާ: 378، 377)
أبـــو عـــامــــــر ބުރަންމާނީކަލޭގެ ބޭނުންވީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ދެކޮޅަށް ރޭވުންތައް ރާވާން މުނާފިޤުން ބައްދަލުވާނެ އައްޑާއެއް ހަދާށެވެ. އިސްލާމީ މަޤްޞަދެއްގައި ބިނާކުރާ މަރުކަޒެއްގެ ސިފަ ދައްކައިފައެވެ. އޭނާ مـسجــد ضـــــرار ބިނާކުރީ ޤުބާ މިސްކިތުގެ ދާދިކައިރީގައެވެ. (މިހާރުގެ ޤުބާ މިސްކިތަށް ޒިޔާރަތްކުރައްވާ ފަރާތްތަކުން މައިމަގުން މިސްކިތުގެ ގޯތިތެރެޔަށް ވެދެވަޑައިގަންނަވާއިރު ކަނާތްޕުޅު ފަރާތުން ހުހަށް އެއޮތް ސަރަޙައްދަކީ ބުނެވޭގޮތުގައި مـسجــد ضـــــرار ޢިމާރާތްކުރެވުނު ބިމެވެ.)
އެމިސްކިތް ބިނާކުރި މީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ފައިންޕުޅު ދެކެފައި ނުހަނު މަތިއޮމާންކޮށްފައި މަކަރުވެރި ގޮތެއްގައި ދެންނެވިއެވެ. "ކަލޭގެފާނު އަޅުގަނޑުމެންގެ މިސްކިތަށް ވަޑައިގެން މިސްކިތް ހުޅުއްވައިދެއްވާށެވެ. އެ މިސްކިތުގައި ނަމާދުކުރައްވައި އެ މިސްކިތަށް ބަރަކާތް ދެއްވާށެވެ. އަޅުގަނޑުމެން އެ މިސްކިތް ބިނާކުރީ ބަލިކަށި ޟަޢީފު މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށްޓަކައެވެ. މާދުރަށް ނުހިނގޭފަދަ މީހުނަށް ކަޅުއަނދިރި ރޭރެއާއި ވިއްސާރަ ރޭރޭގައި ފަސޭހައިން ޖަމާވެވޭނެ ގޮތުންނެވެ." އެދުވަސްވަރަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ތަބޫކު ހަނގުރާމައިގެ ދަތުރުފުޅުގައި ފުރައިވަޑައިގަންނަވާން ތައްޔާރުވެވަޑައިގެންނެވި ދުވަސްވަރެވެ. އެހެންކަމުން އެދަތުރުފުޅުން އެނބުރިވަޑައިގަންނަވަންދެން އެކަންތައްއޮތީ ލަސްކޮށްލައްވައިފައެވެ. ދަތުރުފުޅުން އެނބުރިވަޑައިގެންނެވިއިރު އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ވަނީ އެކަލާނގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ވަޙީގެ ޒަރީޢާއިން ކަމުގެ ޙަޤީޤަތް ބަޔާންކޮށްދެއްވައިފައެވެ.
"އަދި (މުއުމިނުންނަށް) ގެއްލުންދިނުމަށާއި ކާފަރުކަމަށާއި، މުއުމިނުންގެ މެދުގައި ބައިބައިވުން އުފެއްދުމަށާއި، ކުރީން اللّــــه އާއި ރަސޫލާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލައިތިބުމަށާއި، (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ޤަޞްދެއް ނުކުރަމުއޭ ކިޔައި އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން އެއުރެންނީ ދޮގުހަދާ ބައެއްކަމަށް، اللّــــه ހެކިވެވޮޑިގެންވެތެވެ. ދުވަހަކުވެސް ކަލޭގެފާނު އެ މިސްކިތުގައި (ނަމާދަށް) ޤާއިމުވެވަޑައިނުގަންނަވާށެވެ. ހަމަކަށަވަރުން ފުރަތަމަ ދުވަހުއްސުރެން ތަޤްވާގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތުގައި (އެބަހީ: ޤުބާ މިސްކިތުގައި) ކަލޭގެފާނު ޤާއިމުވެ ހުންނެވުން މާ ޙައްޤުކަން ބޮޑެވެ. ޠާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައިވެއެވެ. ޠާހިރުވެގަންނަ މީހުންދެކެ اللّــــه ލޯބިވެވޮޑިގެންވެތެވެ. ފަހެ، ހެޔޮކަންބޮޑީ، اللّــــه އަށް ތަޤްވާވެރިވުމާއި، އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގެ މައްޗަށް އެމީހެއްގެ ބިނާގެ ބިންގާ އެޅި މީހާ ހެއްޔެވެ؟ ނުވަތަ ވެއްޓިގެންދާ ގުންޑޮޅިއެއްގެ ތުންފަތްމަތީގައި (އެބަހީ: ނިފާޤުކަންމަތީގައި) އެމީހެއްގެ ބިނާގެ ބިންގާ އަޅައި، އެބިނާއާއެކު ނަރަކައިގެ އަލިފާންގަނޑަށް ވެއްޓުނު މީހާ ހެއްޔެވެ؟ އަނިޔާވެރި ބަޔަކަށް اللّــــه ތެދުމަގެއް ނުދައްކަވާ ހުއްޓެވެ. އެއުރެންގެ ހިތްތައް ބުރިބުރިވެގެން ދިއުމުން މެނުވީ، އެއުރެން ބިނާކުޅަ ބިނާ، އެއުރެންގެ ހިތްތަކުގައިވާ ޝައްކެއްކަމުގައިވުމުން ފިލައިނުދެއެވެ. اللّــــه އީ މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެއެވެ." (الــتـّــوبـــة: 110--107)
(ނުނިމޭ)
ދީން
ދީން
ދީން
ދީން