ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ބަލިކޮށްފިއެވެ.

އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުން މިދިޔަ އަހަރުގެ ރަނަރަޕް ދަ ގްރާންޑޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ސޮކަ މޭޓްސް އިންނެވެ. އެ ޓީމުގެ ގޯލު ޖެހީ، މެޗުގެ 21 ވަަނަ މިނެޓުގައި އަހުމަދު އަޝްހަމެވެ. ދަ ގްރާންޑޭއިން މެޗުގެ ނަތީޖާ އަނބުރާލީ ފަހަތުން އަރައެވެ. ދެވަނަ ހާފުގައި، މެޗުގެ 34 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަކުރީ، މުހައްމަދު ޝަހީމް ޖެހި ގޯލުންނެވެ. އަދި އެޓީމު މޮޅުކޮށްދިން ގޯލު ޖެހީ، އަލީ ނާޝިދެވެ.

މިފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.

ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ ވެޓެރަންސް މުބާރާތަކީ ރަމަޟާން މަހާ ދިމާކޮށް ގިނަ ފަހަރެއްގެ މަތިން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާއެވެ. އޭގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސޮކަ ވެޓެރަންސް އެސޯސިއޭޝަން އަދި ހުޅުމާލެ ވެޓެރަންސް ކްލަބުން ވެސް ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.