ހުސްވި 2023 ވަނަ އަހަރު މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންނާ ގުޅޭ 26 މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފަނޑިޔާރުންނާ ގުޅޭ 50 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިއެވެ.

އޭގެ ތެރެއިން 35 މައްސަލަ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ބަލައި ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ މުއްދަތާ ހަމައަށް 15 މައްސަލައެއް ނުނިމި އެބައޮތް ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރު ހުށަހެޅި 26 މައްސަލައިގެ ތެރޭގައި ހިމެނެނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ހަ މައްސަލައަކާއި، މަސްއޫލިއްޔަތު އަދާނުކުރާ ކަމަށްބުނެ ހުށަހަޅާފައިވާ ހަ މައްސަލައިގެ އިތުރުން ކޯޓަށް ހުށަހަޅާފައިވާ ޝަކުވާ ލަސްވެގެން ހުށަހަޅާފައިވާ ފަސް މައްސަލައަކާއި ކޮރަޕްޝަނާއި ސިޔާސީ ހަރަކާތުގައި ބައިވެރިވުމާއި އެހެނިހެންގެ ގޮތުގައި، މިއިން ކޮންމެ ވައްތަރަކުން އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން ވަނީ އޭގެ ތެރެއިން ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅައިފައެވެ. އެގޮތުން އެ މައްސަލަތައް ބަލައި ބައެއް ފަނޑިޔާރުން ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.