"ދިޔަވަރު" ނޫހާއި އޭނާއާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަނީފު ވިދާޅުވީ "ދިޔަވަރު" ނޫހަކީ ޝާހިދު އަޑީގައި ހުންނަވައިގެން ރައީސް އޮފީހުގެ ކުރީގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ލައްވައި ހިންގާ ނޫހެއް ކަމަށެވެ.

އެ ވާހަކަތައް ދޮގުކުރައްވައި ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދޭ އިމްތިޔާޒުތައް ނިވާފަތްގަނޑަށް ބޭނުން ކޮށްގެން ދޮގުހަދައި، މީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރަށްޓެހި، ފިނޑި އަމަލުތަކެއް ކަމަށެވެ.

"މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު މެމްބަރު ސަނީފް ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އަޅުގަނޑާއި ގުޅުމެއްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގު ވާހަކަތަކެއް" ޝާހިދު ވިދާޅުވިއެވެ.

"ދިޔަވަރު" ނޫހަކީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫހެކެވެ. ސަރުކާރުން ވަނީ މީގެ ކުރިން އެ ނޫސް ބްލޮކްވެސް ކޮށްފައެވެ. ސަރުކާރުން އެ ނޫސް ބްލޮކްކުރީ ދޮގު ހަބަރު ފަތުރައި މީހުންގެ އަނބުރަށް އަރައިގަންނަ ކަމަށް ތުހުމަތުކޮށެވެ. އަދި ރަޖިސްޓްރީނުކޮށް ނޫސް ހިންގުމަށް ގާނޫނު ތަންނުދޭ ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

މިިދިޔަ މަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ފާސްކުރި އިސްލާހަށް ނެގި ވޯޓުގައި ސަނީފް ހިމެނޭ ގޮތަށް އެމްޑީޕީގެ ތިން މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ދިޔަވަރު ނޫހުން ވަނީ އެ މެންބަރުން ބައިވެރިވެވަޑައިނުގެންނެވީ ސަރުކާރުން ބޮޑެތި ރިޝަވަތު ހުށަހަޅައިގެން ކަމަށް ތުހުމަތުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީން ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ، އެމްޑީޕީގައި މިއަދާ ހަމައަށް ހުރީ ވަރަށް ސާބިތުކަމާއެކު ކަމަށާއި އޭގެ ބަދަލުގައި ލިބުނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިން ދުވަހު ރިޝްވަތު ނެގި މީހުންގެ ވާހަކަ ނުދައްކައި، ޕާޓީގެ ލީޑާޝިޕުން އަޑީގައި އޮވެ އޭނާ ބަދުނާމު ކުރަމުންދާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ވެސް އެންމެ ފަހުން ހޮވުނީ އެއްވެސް މީހަކު ނުލާތީ އިއްތިފާގުން ހޮވުނު ރައީސެއް ކަމަށާއި މިފަދަ ކަންކަން ތަކުރާރު ވާނަމަ ޕާޓީތަކުގެ ސައްހަކަން ގެއްލިގެން ދާނެ ކަމަށެވެ.