ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ފުރަތަމަ މެޗު އެންމެ ފަހުން ދެ އަހަރުގެ ވެސް ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކްލަބުން ކާމިޔާބު ކޮށްފިއެވެ.
ވެޓެރަންސް ލީގު މިއަހަރު ޖުމުލަ 10 ޓީމަކާއެކު ހެންވޭރެ ދަނޑުގައި މިއަދު ފަށާފައިވާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެމުންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިއަދު ގްރޫޕް އޭގައި އެންމެފަހުގެ ޗެމްޕިއަން ހުޅުމާލޭ ވެޓެރަންސް ކްލަބާއި ވިލުމާލެ ޔުނައިޓެޑް ވާދަކުރި މެޗު، ހުޅުމާލޭ ވެޓެރަންސްއިން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ 15 މިނެޓް ތެރޭގައި ހުޅުމާލޭ ވެޓެރަންސްއިން ތިން ގޯލު ޖަހާފައިވާ އިރު، އެޓީމުގެ ފުރަތަމަ ގޯލާއި ތިންވަނަ ގޯލު ޖެހީ ހުސައިން ޝިމާޒް (ކޮކީ) އެވެ. އަދި ދެވަނަ ގޯލަކީ ވިލިމާލެ ޔުނައިޓެޑްގެ އިމްރާން އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ 21 ވަނަ މިނެޓުގައި އަހުމަދު ގިތުރީޒް އިތުރު ގޯލެއް ޖަހައި ހުޅުމާލޭ ވެޓެރަންސް ކްލަބުގެ ލީޑު އިތުރަށް ފުޅާކުރި އިރު، ދެވަނަ ހާފުގައި ކޮކީ ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. އަދި މެޗު ނިމެންދަނިކޮށް އެޓީމުގެ އަލީ ޝަމީމް (އައްޔަ) ވަނީ އިތުރު ގޯލެއް ޖަހައި ހަތް ގޯލުގެ ފަރަގެއްގައި މެޗު ނިންމާލަން އެހީވެދީފައެވެ.
މިފަހަރުގެ ވެޓެރަންސް ލީގުގެ ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލެ ވެޓެރަންސް ކްލަބުގެ އިތުރުން ވިިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކްލަބް، ހުއްރިއްޔާ (ހުރާ) އަދި ދިވެހި ސިފައިންގެ ކްލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި އެމްއެސް މޭޓްސް، މުއިވެޔޮގެ އިތުރުން ލެގޫންސް ސްޕޯޓްސް ކްލަބް އަދި ކްލަބް ސްޓެލްކޯއެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ ވެޓެރަންސް މުބާރާތަކީ ރަމަޟާން މަހާ ދިމާކޮށް ގިނަ ފަހަރެއްގެ މަތިން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލި ކްލަބް ވެލެންސިއާއެވެ. އޭގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސޮކަ ވެޓެރަންސް އެސޯސިއޭޝަން އަދި ހުޅުމާލެ ވެޓެރަންސް ކްލަބުން ވެސް ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް