ސައުދީ އަރަބިއާގެ ލީގު، ސައުދީ ޕްރޯ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އަލް ހިލާލުން ދުނިޔޭ ރެކޯޑެއް މުގުރާލައިފިއެވެ.

އެންމެފަހުން އެ ޓީމުން ކުޅުނު 28 މެޗުންވެސް ހިލާލް މޮޅުވެފައިވާ އިރު، އެއީ މީގެ ކުރިން ގައުމެއްގެ ޓޮޕް ލީގުގެ ޓީމަކަށް ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ. އޭޝިއަން ޗެމްޕިއަންސް ލީގުގައި ރޭ އަލް އިއްތިހާދާ ދެކޮޅަށް ހިލާލުން ކުޅުނު މެޗު 2-0 އިން އެ ޓީމު ކާމިޔާބުކުރި އިރު، އެ މޮޅާއެކު އެގްރިގޭޓް 4-0 ގެ ނަތީޖާއަކުން ހިލާލް ވަނީ އޭޝިއަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

އަލް ހިލާލުން ރޭ މުގުރާލީ މީގެ ކުރިން ވޭލްސްގެ ފުރަތަމަ ޑިވިޝަނުގައި ދަ ނިއު ސެއިންޓްސް ހަދާފައި އޮތް ރެކޯޑެކެވެ. 2016 ވަނަ އަހަރު އެ ޓީމުން ވަނީ ޖެހިޖެހިގެން 27 މެޗުން މޮޅުވެފައެވެ.

ކުރިން ފުލްހަމްއަށް ކުޅުނު އެލްކްސެންޑްރާ މިޓްރޮވިޗާއި ރުބެން ނެވޭސް އަދި ނޭމާވެސް ނިސްބަތްވާ ހިލާލަށް އެންމެ ފަހުން މެޗަކުން މޮޅު ނުވެވި އޮތީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ. އެއީ ލީގުގައި ޑަމަކާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ހިލާލްވީ 1-1 އިން އެއްވަރެވެ. ހިލާލުން ބޮޑު އަގެއްގައި ނޭމާ މި ސީޒަނަށް ގެންދިޔަ އިރު، މި ވަގުތު ނޭމާ ހުރީ ބޮޑު އަނިޔާއެއްގައެވެ. އެހެންކަމުން މި ސީޒަނުގައި ދެން ނޭމާ ފެންނާނެ ކަމަށް ބެލެވެނީ ފަހުކޮޅުގައި އެކަންޏެވެ.

އަލް ހިލާލުން ރޭ ދުނިޔޭގެ ރެކޯޑު ހަދާފައިވާ އިރު، އެ ޓީމަކީ ސައުދީ އަރަބީގެ ފުޓުބޯޅަ ތާރީހުގައި އެންމެ ކާމިޔާބު ޓީމެވެ.