އިސްތިއުފާ ދެއްވުމުގެ ސަބަބުން ހުސްވެފައިވާ މަޖިލިސް މެންބަރުންގެ ގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް، ހުސްގޮނޑި ނުހިމަނައި، މަޖިލީހުގައި ތިއްބެވީ 80 މެންބަރުން ކަމަށް ބަލައިގެން މަޖިލީހުގެ ކޯރަމް ގުނަން ރައްޔިތުންގެ މަޖިލީހުން އަނެއްކާވެސް ފާސްކޮށްފިއެވެ.
ހުސްގޮނޑި ނުހިމަނައި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައި މާއްދާ ކޯޓުން އުވާލާފައި ނުވާ ކަމަށްބުނެ އެ މައްސަލައަށް ބަހުސް ކުރުމަށްފަހު ގޮތެއް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.
އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި މަޖިލިސް ގަވައިދުގެ 242 ވަނަ މާއްދާއަށް އިތުރުކުރި ބައި އުވާލާފައި ނުވި ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ މައްދާއަށް އަމަލު ކުރެވެން ނެތް ކަމަށެވެ. އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށްވާތީ ހުސް ގޮނޑި ނުލައި މެންބަރުން ގުނާ ގޮތަށް މަޖިލިސް ގަވާއިދުގެ 242 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ބައި އުވާލުމާ މެދު ގޮތެއް ނިންމައި، އެ މާއްދާ އުވާލަދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަމަށް ބަހުސްގެ ފުރުސަތު ހުޅުވައިލެއްވިއެވެ.
އެ މައްސަލައިގައި ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފައެވެ. އަދި ގާނޫނު ހެދުމުގެ އިތުރުން މަޖިލީހުގެ ގަވާއިދު ހެދުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ވިދާޅުވެ، މަޖިލިހުން ގަވާއިދަށް ގެނަސްފައިވާ އިސްލާހަަށް އަމަލު ކުރެވޭނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ. އެ މެންބަރުން ވިދާޅުވީ އެއީ މަޖިލިސް ތަޅުމަށް ގެންނަންޖެހޭ މައްސަލައެއް ވެސް ނޫން ކަމަށެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން، މަޖިލީހުގެ ގަވާއިދަށް އާއްމު ކޮމިޓީން އިސްލާހު ގެނައިފަހުން މިއަދާ ހަމައަށް އަމަލު ކުރަމުންދާ ގޮތަށް މަޖިލީހުގެ ޖުމުލަ އަދަދަކީ 80 މެންބަރުން ކަަމަށް ކަނޑައަޅައިގެން ކޯރަމް ގުނުމަށް މިއަދުގެ ޖަލްސާގައި ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެެއިނެވެ. ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މި ހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްބެވި 26 މެންބަރުންގެ ތެރެއިން 23 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ހުށަހެޅުން ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.
މިއީ ހުސްގޮނޑި ނުލައި މަޖިލީހުގެ ކޯރަމް ގުނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިންވަނަ ފަހަރެވެ.
ފުރަތަމަ މިގޮތަށް ފާސްކުރީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ތިން އަކުރު އިތުރުކޮށްގެންނެވެ. އެއީ ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް އިތުރު ކުރި ތިން އަކުރުގެ ތެރެއިން (ކ)ގެ ގޮތުގައި ބުނަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މަޖިލިސް މެންބަރުންގެ ގޮތުގައި އެ ވަގުތު ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. (އ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށެވެ.
އަދި (ވ) ގައި ބުނަނީ ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރަންވާނެ ކަމަށެވެ.
ގަވާއިދަށް މި އިސްލާހު ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އިންތިހާބުވުމާއި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް ހަ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސްވުމުންނެވެ.
އެ ބޭފުޅުންނަކީ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ބަންޑާރަ ނައިބުކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އުޝާމާއި މިހާރު ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިހާރުގެ ޑިފެންސް މިނިސްޓަރު، ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދެވެ.
ގާނޫނު އޮތް ގޮތުން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ދާއިރާތަކަށް މެންބަރުން އިންތިހާބުވެސް ނުކުރެވޭނެއެވެ. ގާނޫނު ބުނާގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮނޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އެހެންކަމުން ގަވާއިދަށް ގެނައި އެ އިސްލާހަށްފަހު، މަޖިލީހުގެ މެންބަރުން ގުނަމުން ދަނީ ހުސްވި ގޮނޑިތައް ނުހިނައި މަޖިލީހުގައި ތިއްބެވީ 80 މެންބަރުންކަމަށް ބަލައިގެންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސްއާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.
ގަވާއިދު ކުރިން އޮތް ގޮތުން ރައީސް އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
އެހެންކަމުން ހުސް ގޮނޑި ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.
ސުޕްރީމް ކޯޓުގައި އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ، ހުސްގޮނޑީތައް ނުލައި މެންބަރުންގެ އަދަދު ގުނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ގާނޫނުއަސާސީގެ އަސާސީ ހަމަތަކާ ހިލާފް އިސްލާހެއް ކަމަށާއި، އެ އިސްލާހުގެ ސަބަބުން ދެކޮޅު ނުޖެހޭ ގިނަ ހާލަތްތަކެއް އުފަންވުމުގެ އަދި އުފަން ކުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމަށްފަހު، މައްސަލައިގެ މައުލޫއަށް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަށް އަމަލު ނުކުރުމުގެ ވަގުތީ އަމުރަކަށްވެސް އެޓާނީ ޖެނެރަލް ކޯޓުގައި އެދުނެވެ.
އެކަމާ ގުޅިގެން 49 ވަނަ މާއްދާއަށް ގެނައި އިސްލާހަށް އަމަލު ނުކުރަން ހުސްވި ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މަޖިލީހުން ގޮތެއް ނިންމުމަށް ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ބަހުސްކުރިއެވެ. އެ ދުވަހު މަޖިލީހުން ފާސްކުރީ ސުޕްރީމް ކޯޓުގެ އަމުރައް ތަބާނުވެ، ހުސްގޮނޑި ނުހިމަނައި ކޯރަމް ގުނުން ކުރިއަށް ގެންދިއުމަށެވެ.
އެއަށްފަހު ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު އެ މާއްދާއިން އުނިކޮށް ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް 1-242 މާއްދާގެ ގޮތުގައި ބަދަލު ކުރިއެވެ. އެކަންތައް ކުރީ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ. އޭރު މައްސަލަ އޮތީ ސުޕްރީމް ކޯޓުގައެވެ. އާއްމު ކޮމިޓީން ގެނައި ބަދަލު ފާސްކުރީ ހުސްވި ފެބްރިއަރީ މަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރިއެވެ.
މި މައްދާގެ (ހ)ގައި ބުނަނީ، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާއްމު އިންތިހާބާ ދެމެދު ހަ މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތުމުން، ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ. އަދި (ށ)ގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.
އެގޮތަށް މަޖިލީހުން އަމަލު ކުރަމުން ގެންދަނިކޮށް، އެޓާނީ ޖެރެނަލްގެ ފަރާތުން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
އެ ހުކުމުގައި ވަނީ، ހުސް ގޮނޑިތައް ނުހިމެނޭގޮތަށް، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު، މަޖިލީހުން މާނަ ކޮށްފައިވަނީ ގާނޫނުއަސާސީގެ 18 މާއްދާއަކާ ތައާރަޒުވާގޮތަށް ކަމަށް ކަނޑައަޅައިފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ، 49 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އަކީ ގާނޫނުއަސާސީގެ 286 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހުތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވީނަމަވެސް އެ އަކުރުތަކަކީ މިހާރު މަޖިލީހުން ބާތިލު ކޮށްފައިވާ އަކުރުތަކެއް ކަމުން އެ އަކުރުތަކާ މެދު ކޯޓުން އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.
މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެއެވެ.
ޚަބަރު
ޚަބަރު