އެންމެ ހިނގާ ކުޅިވަރެވެ. އެކަމަކުވެސް އޮތީ، ބަލަދުވެރިފަރާތެއް ނެތި ދޫކޮށްލައިފައެވެ. ހަގީގަތުގައި ބަލަދު އަރާ ރަސްމީ އިދާރާއިން ވެސް އޮތީ އިހުމާލުވެފައެވެ. ގައުމީ ލެވެލެއެއްގައި މާ ބޮޑު ހަރަކާތެއް ނެތިވެސް، އެތައް ބަޔަކު ޝާމިލުވާ ކުޅިވަރެކެވެ. މިއީ ފުޓްސަލްގެ ވާހަކައެވެ. މިހާތަނަށް ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖެ ތަމްސީލުކުރީ މަދު ފަހަރަކުއެވެ. އެހެން ނަމަވެސް، މި ކުޅިވަރުގެ ފޯރި ރާއްޖޭގައި އިންތިހާއަށް ގަދައެވެ. މާހައުލާވެސް ގުޅެއެވެ.
މި ފަހަކަށް އައިސް ފުޓްސަލްގެ އެކިއެކި ފަންތީގެ މުބާރާތްތައް ތައާރަފުވަމުން އައިސް، އިންގިލާބީ ބަދަލަކާ ހަމައަށް މިއަދު މި އޮތީ އައިސްފައެވެ. މުޅި ރާއްޖެ ފުރިހަމައަށް ޝާމިލުވެ، "ގައުމީ މުބާރާތެއް،" ބޭއްވިއްޖެއޭވެސް ބުނެވިދާނެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން،، ރައީސް ރިލުވާން މޫސާއާއި އޭނާގެ ޓީމުގެ އިސްނެގުމެކެވެ. ނުވާނެ ކަމަށް އެތައް ބަޔަކު ސިފަކުރި މަސައްކަތެއް، ވާނެކަން ދައްކައި، ފުޓްސަލްއަށް ބޮޑު ހިދުމަތެއް ކޮށްދީފިއެވެ. ގައުމީ ފެންވަރުގެ މުބާރާތަކަށް ހަދައިފި އެވެ. ރިލުވާނަކީ ހިޔާލެއް އުފަންކޮށް، އެ ހިޔާލު ހަގީގަތަކަށް ހަދައި، ރާއްޖޭގައި ފުޓްސަލްގެ މުޅި ވިސްނުން، ބަދަލުކޮށްލި ކުޅަދާނަ ހިދުމަތްތެރިޔާއެވެ. އެކަމަށް އެތައް ބަޔަކު، އެތައް ރަށަކުން އިއްތިފާގު ވެއެވެ. ހަގީގަތް އެ އޮތީ ފެންނާށެވެ. ސުވާލެއް ނެތެވެ.
"މިހާރު ދެން އެންމެންވެސް ގަބޫލުކުރާނެ ކަންނޭނގެ މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ފުރިހަމައަށް އިންތިޒާމް ކުރާ، އެންމެ ގިނަ ބަޔަކު ބަލާ، އެންމެ ބޮޑު އޯޑިއަންސެއް އޮތް އެއް އިވެންޓް ކަމަށް. ކުރީގައި ވެއްޖެއްޔާ އެކަން ގަބޫލެއް ނުކުރޭ. އެކަމަކު މިހާރު ގޯލްޑަން ފުޓްސަލް ޗެލެންޖް ނޭނގޭނެ މީހަކު ނުހުންނާނެ. އެހެންވީމަ އޭރު އެ ބޭނުންވި ޓާގެޓް ހާސިލުވެއްޖެ. އެހެންވިޔަސް އޭގެ މާނައަކީ ދެން އޮތީ މިކަން ހުއްޓާލުމެއް ނޫނޭ. އަދިވެސް ހަމަ ކުރިއަށް އޮތީ، ކުރިއަށް ބައިވަރު ކަންކަން ރަނގަޅުކުރަންވެސް އެބަހުރި. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މުބާރާތް މިއަށްވުރެވެސް ރަނގަޅަށް ކުރިއަށްދާނެ،" ރިލުވާން، މިއަހަރުގެ މުބާރާތަށްފަހު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވާހަކަ "ވަން ސްޕޯޓްސް" އާ ހިއްސާކުރަމުން ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރިލުވާނާއި އޭނާގެ ޓީމުގެ ހުރިހާ މެންބަރުން ވަމުން އަންނަ ގުރުބާނީގެ ރަމްޒެވެ. އެތައް ވަގުތެއް ހޭދަކޮށް، އެތައް ހަރަދެއްވެސް ކޮށް، ރާއްޖޭގެ ފުޓްސަލް ކުޅުންތެރީންނަށް އެންމެ ފުރިހަމަ ފުރުސަތެއް ހޯދައިދޭން މިހާތަނަށްވެސް ކުރީ ބުރަ މަސައްކަތެކެވެ. ފުރިހަމަ އެއްބާރުލުމެއް ދޭން ޖެހޭ އެތައް ބައެއްގެ އެއްބާރުލުން ނުލިބިވެސް ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ހަދައި، މުޅި ރާއްޖެ ޝާމިލުވާ އެންމެ ބޮޑު އިވެންޓަށްވެސް މުބާރާތް ހަދައިފިއެވެ. އެއީ އަމިއްލަ އެތައް ކަމެއް ގުރުބާން ކޮށްފައެވެ. ފުޓްސަލްއަށް ރިލުވާން ކޮށްދެމުން އަންނަނީ އަގުހުރި މަސައްކަތެކެވެ. އަޅައިލުން ކުޑަވެފައި އޮތް ކުޅިވަރެއްގައި މުޅި ރާއްޖެ ޝާމިލުކޮށް، ތަފާތު ގެނެސްދީފިއެވެ. އެހެން ކުޅިވަރުތަކުގައި ކެނޑިފައި އޮތް އަތޮޅު ފޯރި، ރަށު ފޯރިވެސް ގޯލްޑަން ފުޓްސަލް ޗެލެންޖުން ގެނެސްދީފިއެވެ.
"ފުޓްސަލްއަށް ހުރި ޝައުގާއި ލޯބިން މި މަސައްކަތް މިކުރަނީ. އަސްލު މިކަމުން ފުޓްސަލްގެ ފޯރި މުޅި ރާއްޖޭގައި ހިފައިފިކަމަށް ގަބޫލުކުރެވޭ. އެއީ ހަގީގަތުގަ ހިދުމަތެއް. ހަމައެކަނި މުބާރާތުގަ ކުޅޭ ކުޅުމުން އެކަންޏެއް ނޫން މި އަންނަނީ. އިޖުތިމާއީ ގޮތުން ރަށްރަށުގަ މިކަމަށް ވާ ތައްޔާރީއާއި ރަށްރަށުން އެ ގެނެސްދޭ ފޯރިވެސް ތަފާތު. އެހެންގޮސް، ކައުންސިލްތަކާއި ޓީމާ އެކުވެ ގޮސް އެ އުފެދޭ ގުޅުމާއެކު ބައިވަރު ކަންތައްތައް މިހާރު ބަދަލުވެއްޖެ. އެއީ މީގެ ތެރެއިން ގެންނަން ބޭނުންވި ކަންތައްތައް. ޓާގެޓަކީ ހަމައެކަނި މުބާރާތެއް ބޭއްވުމެއް ނޫން. އޭގެން އެ އަންނަ އިޖުތިމާއީ ފައިދާތައް ހޯދުން އެއީ ވަރަށް ބޮޑު އުންމީދެއް،" ރިލުވާން ބުންޏެވެ.
ރިލުވާންގެ ވިސްނުމުގައި ކުރީންވެސް އެ ކަންތައްތައް ހުރި އިރު، ފުޓްސަލްއަކީ އާންމު މުޖުތަމައު ބަލައިގަންނަ ފެންވަރުގެ ކުޅިވަރަކަށް ހަދައި، އެ ފެންވަރު މުބާރާތުން ދައްކައި، ރޫހު އިތުރު ކޮށްދެވުމަކީ އޭނާއަށް ކޮށްދެވުނު ހިދުމަތެކެވެ. ހާއްސަކޮށް ކުޅުންތެރީންގެ ޑިސިޕްލިންނަށް އައި ހެޔޮ ބަދަލާއި، ސަޕޯޓަރުންގެ ފަރާތުން އެ އަންނަ އަހުލާގީ ކުރިއެރުންތައް އެއީ ރިލުވާން އުފާކުރާ ކަމެކެވެ. 2015 ވަނަ އަހަރު ރިލުވާން ފުރަތަމަ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށިއިރު، އެންމެންވެސް ބުނަމުން ދިޔައީ މިއަދުގެ ކަން އޮތް ގޮތުގެ ވާހަކައެއް ނޫނެވެ. އޭރު ބުނަމުންދިޔައީ ރަށްރަށުން ސަޕޯޓަރުން އައިސް ޓީމުތަކަށް ހިތްވަރު ނުދޭނެ ކަމުގެ ވާހަކައެވެ. އަހުލާގީ ގޮތުން ޓީމުތަކަށް ރަށު ލޯބިގައި ހިފަހައްޓައިނުލެވޭ ކަމުގެ ވާހަކައެވެ. އެހެން ނަމަވެސް، އެ ނާއުންމީދީ އެތައް ވާހަކައަކުން މިއަދު އުންމީދު ލިބިއްޖެއެވެ. ރިލުވާންގެ ނަޒަރުގައި ލ. ގަމާއި ބ. އޭދަފުށީގެ އެތައް ސަޕޯޓަރުންނެއް ފެނުނު މިއަހަރުގެ ފައިނަލުގައިވެސް ފެނުނީ ނަމޫނާ އެވެ. އެއީ ފުޓްސަލްއަށް އައި ބަދަލެވެ. އެއީ ގައުމީ ލެވެލެއެއްގައި އޭނާއަށް ފުޓްސަލްއަށް ކޮށްދެވުނު ހިދުމަތެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އޭގެ ފަހުން އައި ޑިޖިޓަލް ދުނިޔޭގެ ބަދަލުތަކާއެކު 2019 ހިސާބުގައި މެޗުތައް ލައިވްކޮށް ފެންނަ ގޮތަށް މަސައްކަތް ފެށިއެވެ. އޭރު ވިއުސް އުޅެނީ 3.2 މިލިއަންގައެވެ. އޭގެ ފަހުން، 2022 ގައި ވިއުސްގެ އަދަދު 6.8 މިލިއަނަށް އެރިއެވެ. އަދި މިދިޔަ އަހަރު ވިއުސް އުޅުނީ 12 މިލިއަންގަ އެވެ. އެ ކުރިއެރުމާއެކު މިފަހަރު މުބާރާތް ނިންމާލި އިރު، ފޭސްބުކާއި ޔޫޓިއުބް މެދުވެރިކޮށް، 20.2 މިލިއަން ވިއުސްއަށް އެރިއެވެ. ރިލުވާންގެ ނަޒަރުގައި މުބާރާތް ބަލައިގަންނަ މިންވަރު، ރައްޔިތުން މުބާރާތަށް ހުރި ފޯރި އަދި ދޭ ލޯބި އެ އަދަދުތަކުން ހާމަވެއެވެ. އެއީ ފުޓްސަލްއަށް އަންނަ، ގެނެސްދެވޭ ބަދަލުގެ ނަތީޖާއެވެ.
ފުޓްސަލްއަށް ބަދަލު އަންނާން ފަށައި، ގޯލްޑަން ފުޓްސަލް ފުޓްސަލް ޗެލެންޖް އާންމުން ބަލައިގެންފިކަން ފައިނަލް މެޗުންވެސް މިފަހަރު ސިފަވެއްޖެއެވެ. ސްޕޯޓްސް ކޮމިޝަނަރާއި ކުޅިވަރާއި ބެހޭ ވަޒީރުގެ އިތުރުން ރާއްޖޭގެ ނައިބު ރައީސްވެސް މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ބައިވެރިވެވަޑައިގެންފައިވާ އިރު، ރިލުވާންގެ ނަޒަރުގައި އެއީ އާންމުން މުބާރާތް ބަލައިގަތްކަމުގެ އެންމެ ބޮޑު ހެއްކެވެ. މީގެ ކުރިން އާންމުކޮށް ސަރުކާރުގެ މަތީ ފަޑިއަށްވެސް ދައުވަތު އެރުވި، ފަހުވަގުތު މާޔޫސް ވާތަން އާދެއެވެ. އެހެން ނަމަވެސް މިހާރު އެކަމަށް ބަދަލު އައުން އެއީ ހިތްހަމަ ޖެހުމެކެވެ.
ރިލުވާންގެ މަސައްކަތަކީ ހަމަ ޔަގީނުންވެސް ވަކި ފަރުދަކަށް، އަމިއްލަ ޓީމަކުން ކުޅިވަރަކަށް ގެނެސްދިން އެންމެ ބޮޑު އިންގިލާބެވެ. އެންމެ ބޮޑު އެއް ހިދުމަތެވެ. ހިދުމަތުގެ ދަތުރުގައި އޭނާގެ ޝުކުރުގެ ލިސްޓެވެސް ބޮޑެވެ.
"އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. މިހެން މިކަން ކުރަން މިއުޅެނީ ވަރަށް ގިނަ ވަގުތު ހޭދަކޮށްފަ. ޗުއްޓީއަށް އާއިލާ ގޮވައިގެން ގައުމުތަކަށް ގޮސް ހޭދަކުރަން ޖެހޭ ވަގުތު މިކަމަށް ގުރުބާން ކޮށްގެން މިކަމުގަ މިއުޅެނީ. އެހެންވީމާ އާއިލާއިން އެ ދޭ އެއްބާރުލުން ހަގީގަތުގަ ވަރަށް ބޮޑު، އަންހެނުންނާއި އެހެން މެންބަރުންގެވެސް. ދެން އެސޯސިއޭޝަނުގެ ޓީމު، އެމީހުން ދޭ އެއްބާރުލުންވެސް ފާހަގަކޮށްލަން. އޮގަނައިޒިންގައި ބައިވެރިވާ ފަރާތްތަކާއި ކަވަރޭޖް ގެނެސްދޭން ބައިވެރިވާ ޓީމާއި، މި މުބާރާތުގެ މަސައްކަތުގައި އުޅޭ ހުރިހާ އެންމެންވެސް ވަރަށް ވަގުތު ކޮމްޕްރަމައިޒް ކޮށް، ވަރަށް ކޮލިޓީކޮށް މަސައްކަތް މިކުރަނީ. މީހުން އެހާ ގިނަ ނޫން ނަމަވެސް، މި އުޅޭ ޓީމުގެ ޑެޑިކޭޝަން ވަރަށް ބޮޑު،" ރިލުވާން ބުންޏެވެ.
އިޖުތިމާއީ ހިދުމަތެއްގެ ގޮތުގައި، އެތައް ބައެއްގެ ވަގުތު ހޭދަކޮށް ރިލުވާންގެ ޓީމުން ކުރާ މަސައްކަތަކީ ފަހުރުވެރި، ނަމޫނާ މަސައްކަތެކެވެ. ހަގީގީ ލީޑަރެއްގެ ސާބިތުކަމުގައި އޭނާ ދޭން ބޭނުންވާ ހިތްވަރުގެ މެސެޖެއްވެސް އެބައޮތެވެ. އެއީ ސާބިތުވާން އެދި ދޭ މެސެޖެކެވެ.
"އެމީހަކު ކުރަން ބޭނުންވާ ކަމަކަށް ނުކުންނަ އިރު، އެކަމުގައި ސަރުކާރަކުން، ނޫނީ ކޮންމެވެސް ވަރުގަދަ ބަޔަކު ފަހަތުގައި ނެތަސް، އަސްލު ބޮޑު ކަމެއް ކުރެވިދާނެ. އެއީ އެ އޮންނަ ޓައިމް ފްރޭމްތަކަށް ކަންކަން ނިންމަމުން ގޮސް، ރަނގަޅު ކަމެއް ވެއްޖެއްޔާ، މަޑުމަޑުން މަސައްކަތްކޮށް އެކަމެއް ކުރެވިދާނެ. މީހުން ނުވާނެޔޭ ބުނާކަމެއް ވިޔަސް، ނުވާނެ ބައިވަރު ސަބަބު ހުއްޓަސް ހާސިލުކުރަން ބޭނުންވާ ރަނގަޅުކަމެއް ކުރަން ނުކުމެއްޖެއްޔާ ބްރޭންޑެއް އުފައްދައި، މީހުންގެ ވިސްނުމަށް ބަދަލު ގެނެވިދާނެ. އެންމެ މުހިންމީ ރަނގަޅު ޕްލޭނެއް، ފަށާއިރު ހުރިހާ ވަސީލަތްތަކެއް ހުންނާކަށް ނުޖެހޭ. އިންޑޯ ނެތިގެން މަޑުކުރާކަށްވެސް ނުޖެހޭ. ވެލިދަނޑުން ފެށިގެން މިއަދާ ހަމައަށް އައިރު، ސަޕޯޓަރުން ޕްރޮފެޝަނަލް ވެ، ކުޅުންތެރިންވެސް ޕްރެފެޝަނަލް ވެއްޖެ. އެއީ އިންސާފުން ރަނގަޅަށް ފިޔަވަޅު އަޅައި، އުސޫލު ދަމަހައްޓައިގެން. އެއީ އެހެންވީމަ ވަރަށް މުހިއްމު ކަމެއް،" ރިލުވާން ޒުވާނުންގެ މަސައްކަތްތަކަށް ދޭން ބޭނުންވާ މެސެޖަކަށް ވިދާޅުވިއެވެ.
ގޯލްޑެން ފުޓްސަލް އަކީ މިއަދު ގައުމީ ބްރޭންޑެކެވެ. ރާއްޖޭގައި ބާއްވަމުން އަންނަ ފޯރި ގަދަ، އަދި އެންމެ ބޮޑު މުބާރާތެވެ. ކޮންމރ ގޮތަކަށް ބެއްޔަސް މިޔަށްވުރެ ބޮޑު އެއްވެސް ކުޅިވަރު މުބާރާތެއް މިވަގުތު ރާއްޖެއަކު ނުހިންގަ އެވެ. މިއީ ރިލްވާނަށް ޝުކުރު ހައްގު މަސައްކަތެވެ. ޝުކުރިއްޔާ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް