މިފްކޯއިން މަސްވެރިންނަށް މިހާތަނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ޖަމާކުރަން މިރޭ ފަށައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް "ވަން" އަށް މިރޭ ވިދާޅުވީ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް، މަސްވެރިންނަށް ދޭން ޖެހޭ ފައިސާތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، މިފްކޯއަށް ދެމުންދާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 157 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މާދަމާގެ ނިޔަލަށް ހުރިހާ މަސްވެރިންނަށް ފައިސާދީ ނިންމާލެވޭނެ. މިރެއިން ފެށިގެން ދަނީ ޖަމާކުރަމުން،" ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ވިދާޅުވީ އެ ފައިސާތައް ދިނުމުން، މިފްކޯއިން، މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސް ކުރެވުނީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މީގެ ކުރިން ވިދާޅުވެފައިވަނީ ރޯދަމަސް ފެށެންވާއިރަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަނިކުފާނު ވަނީ ރޯދަމަހަށް ފައިސާތައް ޖަމާވާނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ދެއްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދު މިއަހަރުގެ ތެރޭގައި ފުއްދަވާނެ ކަމަށެވެ.