ރޯދަމަހަށް ތައްޔާރުވުމުގެ ތެރެއިން ގޭތެރެ ސާފުކޮށް، ޒީނަތްތެރިކުރުމަކީ ދިވެހީންގެ އާދައެކެވެ. ގޭތެރޭގައި ކުރަން ހުރި އެކިއެކި މަރާމާތުތައް ކުރުމާއި، ފޮޅައި ސާފުކުރުމާއި، ބޭނުން ނުކުރާ ސާމާނު އުކާލުމަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް ދިވެހީން ކުރަމުން އަންނަ ކަމެކެވެ.

ދިރިއުޅޭ އަމިއްލަ ސިޓިން ރޫމާއި ބަދިގެއާއި ކޮޓަރިތައް އަދި ފާހާނާ ސާފުކުރުމަކީ ރަނގަޅު ކަމަކަށްވީ ނަމަވެސް، ބޭރުން ފެންނަ މަންޒަރުން މުޅިން ގޯހެވެ. މަގުމަތިން ފެންނަނީ ބައެއް މީހުން ގޭތެރެއިން ނެރޭ ކުނީގެ ބާވަތްތައް މަގުތަކަށް އުކާލާފައިވާ މަންޒަރުތަކެވެ.

މިހާރަކަށް އައިސް، މީހުން ގޭތެރެ ސާފުކުރުމުގެ ކަންކަން ގިނައިން ކުރަމުންދަނީ ރޯދަމަސް ފެށެން ކުޑަތަން ވުމުންނެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަސް ފެށެން އެންމެ ދުވަހަކަށްވުމުން، "ތެޅިގަނެގެން" ގޭތެރެ ސާފުކުރުމުން ބާރު ބޮޑުވަނީ އެތައް ބަޔަކު ބޭނުންކުރަމުންދާ މަގުތަކަށެވެ. ބައެއްގެ އެއްވެސް އަހުލާގެއް، ޒިންމާދާރުކަމެއް ނެތް މަންޒަރު އެންމެ ބޮޑަށް ފެންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ކަހަލަ ގޮތަކަށް ދިރިއުޅެމުންދާ މާލެއިންނެވެ.

ކަރުދާސް ފޮށިތަކާއި ކޮތަޅުތަކުން މިއަދު ވަނީ މާލޭގެ މަގުތައް ފުރާލައިފައެވެ. ބޮޑެތި މަގުތަކާއި ހަނިގޯޅިތަކުގައި، ވެހިކަލްތަކުން ފުރިފައިވާ މާލެ ސިފަވަނީ "ކުނި ޖަންގައްޔެއް"ގެ ގޮތުގައެވެ. މާލޭގެ މަގުތަކަށް އުކާލާފައިވާ ކުނިތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ އިންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަންބޮޑުވުން ހިއްސާކުރައްވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ 150،000 މީހުން ދިރިއުޅޭ ތަނެއްގައި ވަރަށް މަދު ބައެއްގެ ސަބަބުން، އެންމެންނަށް ދަތިކަން ފޯރުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެ މަސައްކަތަށް މާލެ ސިޓީގެ ކެޕޭސިޓީ ނެތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ކެޕޭސިޓީ ހުރި ވަރަކުން އަޅުގަނޑުމެން ކުރިއަށް މިދަނީ. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކެޕޭސިޓީ ބިލްޑްކޮށް، މިކަމަށް ހައްލުތަކެއް ގެނައުމަށްޓަކައި. އަދި އަޅުގަނޑުމެން އިތުރު ޕްލޭންތަކެއް އެބަ ރާވަން މިކަމަށް އަޅުގަނޑުމެން ކޮންމެވެސް ކަހަލަ ފީތަކެއް ނަގައިގެން އަޅުގަނޑުމެން ހިދުމަތްތަކެއް ދޭން މަސައްކަތްކުރަމުން އެބަދަން. އެހެންވީމާ ކުރިއަށްއޮތް ތަނުގައި އަޅުގަނޑުމެންނާއި ވެމްކޯއާ ގުޅިގެން އެ މަސައްކަތްކުރަމުންދާން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ. އަދި ވެމްކޯ ވެސް މަސައްކަތްކުރަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން މި ގަޑީގައި،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުނި އަޅަމުންދާ އަދަދުތައް ގިނަކަމުންނާއި، މީހުން މުޑުދާރުކޮށް އުޅޭ އުޅުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި ރޯދަމަހަށް ތައްޔާރުވުމަކީ ހަމައެކަނި ތިމަންނާގެ ގޭގެ ސާފުވުމެއް ނޫން ކަމަށާއި ރޯދަމަހަށް ތައްޔާރުވުމަކީ ތިމަންނާ އުޅޭ މުޅި ވެށި އެއްކޮށް ސާފުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ މުޅި ވެށި ސާފުވެގެން މި ކަންތައްތައް ރަނގަޅުވަމުން އަންނާނީ. ތިމަންނާގެ ގެ ސާފުވީމަ އެ ނިމުނީ ކަމަށް ބަލައިގެން އުޅެން ޖެހިއްޖެއްޔާ އަޅުގަނޑަށް ހިއެއް ނުވޭ އަޅުގަނޑުމެންނަށް މި ދުނިޔެ ރީތިކޮށް ބޭއްވޭނެހެނެއް. އެހެންވީމާ އަޅުގަނޑު ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދެނީ މަގުތައް މައްޗަށް ނާޅައި، ކުރިއާލައި ރާވައި ގޭތެރެ ސާފުކޮށް އަދި ރާވާ އިރުގައި ވެމްކޯއަށް ވެސް ވަގުތުދީގެން މިކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ކެޕޭސިޓީ އިތުރުކޮށްގެން އެ މަސައްކަތްތައް ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއީ އެއް މަސްދުވަސް ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށްއޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ކެޕޭސިޓީ އިތުރުކުރައްވާނެކަމުގެ ޔަގީންކަން ވެސް މޭޔަރު އާޒިމް ދެއްވިއެވެ.

މާލެ ތެރޭގައި ކުނިތައް އުކާފައި ބަހައްޓާ މަންޒަރު ހުރިހާ ދުވަސްވަރެއްގައި ވެސް ފެނިގެންދެއެވެ. ވެމްކޯ އިން ކުނި ނެރުމަށް ވަކި ވަގުތަކެއް ކަނޑައަޅާފައި އޮންނަ އިރު، ބައެއް މީހުން އެ ވަގުތުގެ ފަހުން ކުނި ނެރުމުން، ވެމްކޯ އިން ކުނި ނަގަން އަންނަ ވަގުތު ފަހަނައަޅައި ދެއެވެ. އެއާއެކު މާލެ ފެންނަނީ ކުނީގެ މައްސަލަ ބޮޑު ސިޓީއެއްގެ ގޮތުގައެވެ.

މި ހުރިހާ މައްސަލައަކަށް ވެސް ފަސޭހަ ފަރުވާއެއް އެބައޮތެވެ. އެއީ އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކުގައި ހިފަހައްޓައި، ކޮންމެ މީހެއް ވެސް ފަރުދީ ޒިންމާ އަދާކުރުމެވެ. އޭރުން ކުނީގެ މާލެ ފެންނާނީ ސާފު މާލެއެއްގެ ގޮތުގައެވެ.