މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގެ ގޮތުގައި އަބަދުވެސް އޮންނަނީ މާރުކޭޓު ސަރަހައްދެވެ. އެ ސަރަހައްދަކީ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން ބޯޓުފަހަރު އަޅާފައި އޮންނަ ސަރަހައްދެއް ކަމުން ގިނަ އަދަދެއްގެ މީހުން ދުވާލާއި ރޭގަނޑުގެ ގިނަ ވަގުތުތަކުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ތަން ފެނެއެވެ.
ގިނަ ބަޔަކު ވިޔަފާރިކުރުމަށާއި އެކި ކަންކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ސަބަބުން ޓްރެފިކަށް ވެސް ބާރުބޮޑުވެއެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެއް ހައްލު ނުވެ އޮތް މައްސަލައެކެވެ. ގިނަ ފަހަރު އެ ސަރަހައްދަގައި ޓްރެފިކަށް ބާރުބޮޑުވަނީ މުދާ އުފުލުމަށް، ނުވަތަ މުދާ ބޭލުމަށް އެ ސަރަހައްދުގައި ހަތަރުފުރޮޅުލީ ވެހިކަލްތައް މަޑުކޮށްފައި އޮތުމުގެ ސަބަބުންނެވެ. އެކަމަށް ފުލުހުންނަށް ވެސް މާބޮޑު ހައްލެއް ނުގެނެވެއެވެ.
އެ ސަރަހައްދުން ދެން އެންމެ ބޮޑު މައްސަލައަކަށް ފާހަގަވެފައި އޮންނަ މައްސަލައަކީ މާލޭގެ ބާޒާރުމަތީ ގިނަ ފިހާރަތަކުން، ފިހާރަ ކުރިމަތީ ޕޭމަންޓްމަތީ އަދި ޕާކިން ޒޯނުގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރަމުން ކުރިމަތިވާ ދަތިތަކުގެ މައްސަލައެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ހިނގައިބިނގައިވެ އުޅޭ މީހުންނަށް ވެސް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އެއީ ޓްރެފިކަށް ވެސް ބާރުބޮޑުވާ ސަބަބަކެވެ.
އެ ސަރަހައްދަށް ވިޔާފަރިކުރަން ދާ މީހުން، ސައިކަލު ޕާކު ކުރުމަށް ޕާކިން ޒޯނުން ޖާގައެއް ހޯދުމަކީ ނާދިރުކަމެކެވެ. ސަބަބަކީ ޕާކިން ޒޯނު ފުރާލާފައި ހުންނަނީ ފިހާރަތަކުގެ މުދާތައް ބަހައްޓައިގެންނެވެ. ޕާކިން ޒޯނެއްގައި ޕާކުކުރަން ބޭނުން ނަމަ، ދާން ޖެހޭނީ އެ ސަރަހައްދާ މާ ދުރަށެވެ. އެހެންކަމުން ގިނަ މީހުން ސައިކަލު ވެސް މަގުމައްޗަށް ވާގޮތަށް ބެހެއްޓުމުގެ ސަބަބުން ޓްރެފިކަށް އިތުރަށް ބާރުބޮޑުވެގެންދެއެވެ.
އެކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން "ވަން" އަށް މައުލޫމާތުދީފައިވާ ގޮތުގައި، އެއީ އަދި ހައްލެއް ހޯދަން އުނދަގޫވެފައިވާ މައްސަލައެކެވެ. ޕޭވްމަންޓް މަތީގައި މުދާ ބެހެއްޓުމުގެ މައްސަލައަށް ފިޔަވަޅު އަޅަން ޖެހޭނީ ފުލުހުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އެ ސަރަހައްދުތަކުގެ މަންޒަރުން ފެންނަނީ ފުލުހުން އެކަމަށް އަޅައިނުލާ މަންޒަރެވެ. ނަމަވެސް ޒޯނުން ބޭރުގައި ސައިކަލު ޕާކު ކުރާ ނަމަ، ފުލުހުން ސްޓިކާ ޖަހައެވެ.
އެ ސަރަހައްދުގައި ފިހާރަ ހިންގާ ވިޔަފާރިވެރިޔަކު "ވަން" އަށް މައުލޫމާތުދެމުން ބުނެފައިވާ ގޮތުގައި، ޕޭވްމަންޓާއި ޕާކިން ޒޯނު ބޭނުންކުރަން ޖެހެނީ ޖާގައިގެ ދަތިކަމާ ހެދިއެވެ. އެ މުދާތައް ބެހެއްޓުމަށް ފިހާރަ ތެރޭ ޖާގައިގެ ގޮތުން ތަނަވަހެއް ނޫނެވެ.
އެ މައްސަލަތައް އެހެން ހުރި ނަމަވެސް، އެ ސަރަހައްދަކީ އާންމު ރައްޔިތުންނަށް ވަރަށް މުހިންމު ސަރަހައްދެކެވެ. އެހެންކަމުން އެތަންތަން ބަންދުކުރިޔަސް، އެކަމުގެ އުނދަގުލާ ކުރިމަތިލާން ޖެހެނީ އާންމު ރައްޔިތުންނެވެ. އެ ފިހާރަތަކަކީ އެންމެ އަގުހެޔޮކޮށް، ރަށްރަށުން ގެންނަ މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ލިބޭ ފިހާރަތައް ވުމުން ގިނަ އަދަދެއްގެ މީހުން ވިޔަފާރިކުރަން ދަނީ އެ ތަންތަނަށެވެ.
ކޮންމެއަކަށް އެ ސަރަހައްދަށް ގެނެވޭނެ އަވަސް ހައްލެއް ނެތެވެ. އެކަމަށް އޮތް ހައްލަކީ އެ ފިހާރަތަކަކީ ޖާގަ ތަނަވަސް ތަންތަނަށް ހެދުމެވެ. އެކަން ކުރުމަށް މަރާމާތުކުރަން ޖެހޭ އިރު، އެކަމަށް ޕްލޭނެއް ވެސް ބޭނުންވާނެއެވެ. ދެން އޮތް ގޮތަކީ އެ ފިހާރަތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމެވެ. ނަމަވެސް އެކަމަށް ހައްލުތަކެއް ހޯދަން ޖެހެއެވެ.
ފޮޓޯ ސްޓޯރީ
ފޮޓޯ ސްޓޯރީ
ފޮޓޯ ސްޓޯރީ