ސަރުކާރުން ތަރައްގީކުރާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ޅ. ނައިފަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނައިފަރަށް މިއަދު ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ބިން ބޮޑުކުރުމުގެ މަޝްރޫއު ފެށިފައިވީ ނަމަވެސް އެ މަޝްރޫއަކީ ރައްޔިތުން އެދޭ މިންވަރަށް ކުރިއަށްދާ މަޝްރޫއެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު ހިންގާ މަޝްރޫއު ނިމޭއިރު، ރައްޔިތުން ބޭނުންވާ މިންވަރަށް ބިން އިތުރުކުރެވި، 40 ހެކްޓަރަށް ބިން ހިއްކައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނައިފަރުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަކީ މި ސަރުކާރުންވެސް އެންމެ އިސްކަމެއްދީގެން ހައްލު ކުރުމަށް ކަނޑައަޅާފައިވާ އެއް މަސައްކަތް ކަމަށެވެ.
ގެދޮރުވެރިކަމަށް ހާއްސަ ލޯން ސްކީމެއް ތައާރަފު ކުރަން މި ސަރުކާރުން ނިންމާފައިވާކަން ހާމަ ކުރައްވައި ރައީސް ވިދާޅުވީ އެ ލޯނުތައް ލިބޭނެ އިންތިޒާމްތައް ހަމަޖެހުމުން ގޯތި ބިނާކުރުމަށް ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ރައީސް ވަނީ ނައިފަރުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ލިބޭ ވަރަށް ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގަވާނެ ކަމަށް ވިދާޚުވެފައެވެ. އެގޮތުން އެންމެ މަދުވެގެން 400 ޔުނިޓްގެ ހައުސިން މަޝްރޫއެއް ނައިފަރުގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްގީއަށް ހާސިލުވާގޮތަކަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ. އެގޮތުން ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމުކުރުމަކީ އެމަނިކުފާނުގެ މާސްޓާ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދެންނެވި ހަތް އާބަންސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ނައިފަރުކަމުގައި ދަންނަވާލަން،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ނައިފަރުގެ މަގުތައް ހެދިގެންދާއިރު، ތަރައްގީގެ އެހެން މަޝްރޫއުތައްވެސް ކުރިއަށް ގެންދަވާނެ ކަމަށާއި އެކަންކަމަކީ އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ހޮސްޕިޓަލްވެސް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށާއި ހުރިހާ ދައިރާއަކުން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ވެސް ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން އައިސްޕްލާންޓް ގާއިމުކޮށްދިނުމާއި ބަނދަރު ބޮޑުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އާބަންސެންޓަރެއްގައި އެންމެ މަތީފަންތީގައި ހުންނަންވާ ގޮތަށް ނައިފަރުގައި ހުރިހާ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު