ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖުމެންޓުން ވަނީ ކުންފުނީގެ ތެރޭގައި ނާޖާއިޒު ގިނަ ކަންތައްތަކެއް ކޮށްފައި ކަމަށާއި އެ ކަންތައްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާނެ ކަމަށް އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ކުރީ ސަރުކާރުން ވަނީ އެޗްޑީސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ނުހައްގުން ހުޅުމާލެ، ހުޅުމާލެ ފޭސް ދޭއް އަދި ތިލަފުށިން ބިން ދޫކޮށްފައި ކަމަށެވެ. އެގޮތަށް 35 ބިމެއް ދީފައިވާ ކަމަށާއި އެއީ އެއް އަހަރު ދުވަހުގެ މުއްދަތަށް "ޓެމްޕޯރަރީކޮށް" ދޫކޮށްފައިވާ ބިންތަކެއް ނަމަވެސް އެ ބިން ހިފައިގެން އުޅޭ މީހުން ވަނީ އެތަނުގައި އުމްރާނީ މަސައްކަތް ފަށައިފައި ކަމަށެވެ.
އެ 35 ބިން އެގޮތަށް ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް ލިބެންޖެހޭ ބޮޑު އާމްދަނީއެއް ގެއްލިފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ. ވަގުތީ ބޭނުމަށް އެގޮތަށް ދޫކުރާ ބިންތަކުގައި އިމާރަތް ކުރުމުގެ ހުއްދަ އެޗްޑީސީން ނުދޭނެ ކަމަށާއި ނަމަވެސް އެކަމުގެ ހުއްދަ އެ މީހުންނަށް އަނގަބަހުން، އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓުން ވަނީ ދީފައި ކަމަށް ފަޒުލް ވިދާޅުވިއެވެ.
"35 ބިން ހުރިހާ ވިޔަފާރިތަކަކަށް ފުރުސަތު ނުލިބި ނޫނީ އާންމު ރައްޔިތުންނަށް ފުރުސަތު ނުލިބި ގެއްލިގެންދިޔައީ ހަގީގަތުގަ މިއީ އެޗްޑީސީއަށް ލިބެންޖެހޭ ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެން ދިޔަ ކަމެއްކަން އަޅުގަނޑު މި ފުރުސަތުގަ ފާހަގަކޮށްލަން ބޭނުންވޭ. މީގެ ތެރޭގައި އޮޑިޓް ރިޕޯޓުތަކެއް ހެދިގެން މީގެ ކުރީގެ މެނޭޖްމަންޓުން މިކަމުގެ ޒިންމާ އުފުލަން ޖެހޭނެކަން މި ފުރުސަތުގަ އަޅުގަނޑު އިއުލާނުކުރަން. އަދި މިއާ ބެހޭ މައްސަލަތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތާނގައި އޭސީސީއަށާއި އަދި އެހެން ތަންތަނަށް ހުށަހަޅާނެކަންވެސް މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން" ފަޒުލް ވިދާޅުވިއެވެ.
"މިއީ އެޗްޑީސީއަށް ވަރަށް ބޮޑު ގެއްލުވެފަ އޮތް ނޫނީ ގެއްލުން ކުރިއަތް ތަނުގައި ތަހައްމަލުކުރަން ޖެހޭނެ ކަންކަން. ރައްޔިތުންގެ ބިންތަކެއް ނުހައްގުން އެކި ފަރާތްތަކަށް ދޫކޮށްލާފަ އޮތް އޮތުމަކީ އަޅުގަނޑުމެން މިއަދު ދެރަވާން ޖެހޭ ކަމެއް. މީގެ މަންފާ އެޗްޑީސީއަށް ނުލިބި ކުރިއަށް އޮތް މުސްތަގުބަލު ބަނަވާ ބަނަވުމަކީ އަޅުގަނޑުމެން ރަނގަޅުކުރަން ޖެހޭ ކަމެއް،"
ފަޒުލް ވިދާޅުވީ އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓުގެ ދަށުން ވަނީ އަވަސް އަރުވާލައިގެން 50 މަޝްރޫއެއް އިއުލާންކޮށް އެކި ފަރާތްތަކާ ހަވާލުކޮށްފައި ކަމަށެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލިގެން ދިޔަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ ޑިވެލޮޕްމެންޓް ޕީރިއަޑަކީ ދެ އަހަރު ކަމަށްވާނަމަ، އެ މުއްދަތު ތިން އަހަރަށް ކުރީގެ މެނޭޖުމެންޓުން އިތުރުކޮށްދީފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
"މާނައަކީ 36 މަހު އެއްވެސް ކުއްޔަކާ ނުލައި ހަމަ ޖަހާނެ ސަކަރާތެއް ޖަހަން ދޫކޮށްލެވޭ ގޮތަށް ހުރި ބިންތަކެއް އެބަ ހުރި،" ފަޒުލް ވިދާޅުވިއެވެ.
އެޗްޑީސީގައި 10 ބިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތް ކަމަށާއި ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުންފުންޏަށް ލިބެންޖެހޭ 800 މިލިއަނެއްހާ ރުފިޔާ ހޯދުމަށް ކުރީގެ މެނޭޖުމެންޓުން އެއްވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެޗްޑީސީގެ ދަރަނި އެހާ ހިސާބަށް ގެނައި ބަޔަކު އެކަމަށް ޒިންމާކުރުވަން ޖެހޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު