ހުޅުމާލެ ފޭސް ދޭއްގެ ލޯކަލް މާރުކޭޓް ގޮޅިތައް ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިރޭ ކުރި އިއުލާނެއްގައި ބުނީ ފޭސް ދޭއްގެ ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުވާލާފައިވާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން މާރުކޭޓް ގޮޅިތައް ކުއްޔަށް ހިފުމަށް ހުށަހަޅާފައިނުވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންވެ އެޗްޑީސީން ބުނީ މާރުކޭޓް ގޮޅި ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މާރުކޭޓް ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ އަހަރުގެ މުއްދަތަށް ކަމަށާއި ގޮޅި ހިންގުމަށް ދޫކުރާނީ އެއްވެސް ކުއްޔަކާ ނުލައި ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބުނީ ގޮޅި ދޫކުރާނީ ހުޅުމާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުގެ މަތިން 16 ގޮޅި ދޫކުރާނެ ކަމަށެވެ.

ގޮޅިތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމު ބަލައިގަންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން 11:00 އަށް ގާޒީ ސުކޫލުގައި ކަމަށް އެޗްޑީސީން ބުންޏެވެ. ހޮނިހިރު ދުވަހުގެ 11:00 އާ ހަމައަށް ދޫކޮށްފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށް ފަހު، ގޮޅިތައް ދޫކުރުމަށް ގުރުއަތުން ނެގުން އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.