މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ މެނޭޖުމެންޓުން މަހާޖައްރާފު ބޭނުން ނުކޮށް ބޭއްވުމުގެ ސަބަބުން ކުންފުންޏަށް 500 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން ބުނެފިއެވެ.
އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މަހާޖައްރާފު ރަނގަޅަށް މެއިންޓެއިން ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވި މަހާޖައްރާފު 20 މަސް ދުވަސްވަންދެން ގްރައުންޑު ކޮށްފައިވާ ކަމަށެވެ. 2022 ޖޫން އިން ފެށިގެން މަހާޖައްރާފު ބޭނުންކޮށްފައިނުވާ ކަމަށެވެ.
"އެކަމުގެ ސަބަބުން 500 މިލިއަން ރުފިޔާ އާމްދަނީން ވަނީ ގެއްލިފަ. ޑޮކިން ޗާޖެސްގެ ގޮތުގައި 40 މިލިއަން ރުފިޔާ" އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.
މަހާޖައްރާފު އަލުން ބޭނުން ކުރަން ފަށައިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައި ކަމަށެވެ. މިހާރު މަހާޖައްރާފު ވަނީ ރ. އުނގޫފާރު ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުން ކުރަން ފަށައިފައި ކަމަށް އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.
މަހާޖައްރާފު ބޭނުންނުކޮށް ހިނގި މުއްދަތުގައި ކުރީގެ މެނޭޖުމެންޓުން ވަނީ އެހެން ޑްރެޖަރެއް ކުއްޔަށް ހިފާފައި ކަމަށާއި އޭގެ މާނައަކީ ބިން ހިއްކުމުގެ މަސައްކަތް އެއިރު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް މަދު އާމްދަނީއެއް ލިބޭ ގޮތަށް ކަމަށް މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ. ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްޓީސީސީއަށް ލިބޭ ފައިސާއަކީ ކުންފުނީގެ ތިންބައިކުޅަ އެއްބައި އާމްދަނީ ކަމަށް މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.
"ކުރީގެ މެނޭޖުމެންޓުގެ މިސްމެނޭޖުމެންޓުތައް ތަހުގީގު ކުރުމަށް ހާއްސަ އޮޑިޓެއް ދަނީ ހަދަމުން،" އެމްޓީސީސީގެ މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.
އާ މެނޭޖުމެންޓުން ހަވާލުވެ މަހާޖައްރާފު އޮޕަރޭޝަނަށް ގެނެއުމުގެ އިތުރުން އެމްޓީސީސީގެ އެހެން ޑްރެޖަރުތައް ވެސް ވަނީ އޮޕަރޭޝަނަށް ގެނެސްފައި ކަމަށެވެ.
އެމްޓީސީސީން މިހާރު މަސައްކަތް ކުރަނީ ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ބަލައިގެން އެގޮތަށް މަސައްކަތް ކުރަން ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ބޯޓު ބަނުމާއި، ޓޫރިޒަމް ދާއިރާއަށް ވަނުމުގެ ވިސްނުން އެބަހުރި ކަމަށް އާ މެނޭޖުމެންޓުން ބުންޏެވެ.
ކުންފުންޏަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސަރުކާރަށް ބަރޯސާވެފައިވުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ޕްރައިވެޓް ސެކްޓާގެ މަޝްރޫއުތައް ވެސް އެމްޓީސީސީން ކުރިއަށް ގެންދާނެ ކަމަށް މިހާރުގެ މެނޭޖުމެންޓުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު