އިޒްރޭލަށް، ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން އެގޮތަށް ގޮވާލީ މިއަދު ބޭއްވި "ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ އޮން ދަ ޔޫޒް އޮފް ވީޓޯ" ބައްދަލުވުމުގައި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރެވެ.

ރާއްޖޭގެ ފަރާތުން ދިން ބަޔާނުގައި ނަސީރު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ޔުނައިޑެޓް ނޭޝަންސް ސެކިއުރެޓީ ކައުންސިލް (ޔޫއެންއެސްސީ) އަށް އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލަ ވީޓޯ ކުރުމުގެ ސަބަބުން އިޒްރޭލަށް ވަނީ ފަލަސްތީނުގެ ރައްޔިތުން މެރުމަށާއި ޒަހަމް ކުރުމަށް ލައިސަންސެއް ލިބިދީފައި ކަމަށެވެ.

އިޒްރޭލުން ވަނީ އެ ފަހުން ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު، އިންސާނީ އެހީއަށް ބޭނުންވެފައިވާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާތަކެއް ދީފައި ކަމަށް ނަސީރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ޔޫއެންއެސްސީން މިހާރުން މިހާރަށް ފިޔަވަޅައި ގަތުލުއާންމު ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލުން ހިންގާ ހަނގުރާމަވެރި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނަސީރު ވިދާޅުވިއެވެ.