މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން އެ މަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެކުގައި ނެތުމުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދެއްވުމަށް ނ. މަނަދުއަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސޯލިހު ވިދާޅުވީ އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދާއެކު މަސައްކަތް ކުރެވޭ ގޮތް ނުވެފައިވާ ކަމަށެވެ.
"އެ ޕްރައިމަރީ ނިމުމަށް ފަހުގައި އެބޭފުޅުންނަކަށް އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދެވޭ ގޮތެއް ނުވި. ރިޔާސީ އިންތިހާބު ގެއްލުމުގެ، ނާކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެން ދިޔައީ އަޅުގަނޑުމެންނާ އެކީގައި އެ ބޭފުޅުންނަށް މަސައްކަތް ނުކުރެއްވުން" ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އެހެންކަމުން އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުން، މޮޅުވި ކެންޑިޑޭޓުން، މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުން މުހިންމު ކަމަށެވެ. ބައިބައިވެ އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ގޮސްފިނަމަ، ނަތީޖާ ނުކުންނާނީ ބޭނުންވާ ގޮތާ ހިލާފަށް ކަމަށް ސޯލިހު ވިދާޅުވިއެވެ. މާޒީގެ ތަޖުރިބާއިން ކުރިއަށް ދިއުން މުހިންމު ކަމަށް ސޯލިހު ވިދާޅުވިއެވެ.
ނަޝީދާއި ސޯލިހާ ދެމެދުގެ ގުޅުން ގޯސްވެ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އެއިރު އުފެދުނެވެ. ނަޝީދުގެ ފެކްޝަނުން، އެމްޑީޕީ އަދި މަޖިލިސް ތެރެއިން އެއިރު ވަނީ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތައް ކޮށްފައެވެ. އަދި ވަނީ ސޯލިހަށާއި ސަރުކާރަށް ހިޔާނާތުގެ ބޮޑު ތުހުމަތުތަކެއްކޮށް، އެމްޑީޕީގެ އަސާސްތަކާ މުޅިން ހިލާފަށް ސޯލިހު ވެރިކަން ކުރައްވާ ކަމަށް ބުނެފައެވެ.
ދެ ފެކްޝަނުގެ މައްސަލަ ހައްލުނުވެ ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދައިފައެވެ. ފަހުން ނަޝީދު ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު