މި ސަރުކާރުން އެޅި އިގުތިސާދީ ފިޔަވަޅުތަކާއެކު ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފައިސާ ޗާޕުކުރި ނަމަ، އިގުތިސާދު ހަލާކުވީސް ކަމަށާއި ކުރީ ސަރުކާރުން މަސައްކަތްކުރުވައިގެން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ނުވަ ބިލިއަން ރުފިޔާ ވެސް ޗާޕުކޮށްލައިގެން، މި ސަރުކާރަށް ދެއްކެން އޮތް ކަމަށެވެ.

"ވަރަށް ފަސޭހަވީސް ފައިސާ ޗާޕުކޮށްލި ނަމަ. ނުވަ ބިލިއަން ރުފިޔާ ޗާޕުކޮށްލި ނަމަ، އެކަން ވެސް އެ ހަމަޖެހުނީ ނޫންތޯ. އެކަމަކު އެކަން ނުކުރީ ހަމަ ދިވެހި ރައްޔިތުންގެ ހައްގުގައި. އިރާދަކުރެއްވިއްޔާ އޭގެ ރަނގަޅު ނަތީޖާ ފެންނަމުން ދަނީ. އަޅުގަނޑުމެންގެ ރުފިޔާގެ އަގު ހިފެހެއްޓި، އިރާދަކުރެއްވިއްޔާ ޑޮލަރުގެ ރޭޓު ތިރިވެ، އިގުތިސާދު ރަނގަޅުވަމުން ދާނެ. މިހާރު އޭގެ އަސަރު ފެނޭ އެބަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ 120 ބިލިއަން ރުފިޔާ އާއި ކުންފުނިތަކަށް ދައްކަން ޖެހޭ ނުވަ ބިލިއަން ރުފިޔާގެ ބިލުތައް ވެސް ދައްކަމުންދަނީ ފައިސާ ޗާޕުނުކޮށް ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާނެ ކަމަށެވެ.

"ފައިސާ ޗާޕުކުރުން މިހާރު ހުއްޓާލާފައިވާނެ. އެކަން ހުއްޓާނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާ އަގު ވެއްޓެމުން، ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ 20 ރުފިޔާއަށްވުރެ ވެސް މައްޗަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި މިފްކޯ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަދަ ކުންފުނިތަކުގައި އޮތީ ބިލުތަކުގެ މައްޗަށް ބިލު ކަމަށާއި އެ ހުރިހާ ބިލެއް ވެސް ދެއްކުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.