ކުރީ ސަރުކާރުން އޮތީ ފެނަކަ ކޯޕަރޭޝަން ސުންނާފަތި ކޮށްލާފައި ކަމަށާއި ކުންފުނިތަކުގައި އޮތީ ބިލުތަކުގެ މައްޗަށް ބިލު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ހަވާލުވި އިރު، ރައްޔިތުންގެ ކުދިކުދި ކުންފުނިތައް ލައްވައި މަސައްކަތްކުރުވައިގެން، އެ މަސައްކަތަށް ދޭން ހުރި ބިލުތަކުގެ އަދަދު ނުވަ ބިލިއަން (9000 މިލިއަން) ރުފިޔާއަށް އަރާ ކަމަށެވެ.

"މި ދެންނެވި 9000 މިލިއަން ރުފިޔާއަކީ ދިވެހި ރައްޔިތުންގެ ފައިސާ، ރައްޔިތުންނަށް ދޭން ހުރި ބިލު މަސައްކަތްކުރުވާފައި. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބަޔަކީ ފެނަކައިން އެކި މީހުންނަށް ދަރާފައި ހުރި ފައިސާ. އިއްޔެ ފެނަކައިގެ އެމްޑީ އެ ވާހަކަ ވިދާޅުވި، 4.2 ބިލިއަން ރުފިޔާ ނުވަތަ ބިލިއަންގެ ތެރެއިން. އެހެންވީމާ ފެނަކަ މިސް މެނޭޖުކޮށްގެން، ފެނަކަ އެއްކޮށް ސުންނާފަތިކޮށްލާފައި އެވަނީ އެކަން ކޮށްފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތާވަލެއް ދީގެން، ފައިސާ ދައްކަމުން ހުރިހާ ބިލުތަކަށް ފައިސާ ދެއްކުމަށް މަސައްކަތްކުރާ ކަމަށާއި ކުންފުނިތައް ހަރުދަނާކޮށް، ކުންފުނިތަކުން ބޭކާރު އިސްރާފުކުރުން ހުއްޓާލާފައިވާނެ ކަމަށެވެ. އަދި މިހާރު ސަރުކާރުގެ މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވެސް ހަރަދު ކުޑަކުރުމުގެ ގޮތުން ބޮޑެތި އިވެންޓުތައް ބޭއްވުން ވެސް ހުއްޓާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުންފުނިތައް ވަރުގަދަކޮށް، މިފްކޯ ވެސް ހިމެނޭހެން ފެނަކަ އާއި އާރުޑީސީއާ މިއިން ކޮންމެ ކުންފުންޏެއް ހިނގައިނުގަނެވޭ ވަރަށް އޮތީ އަނދަވަަޅަކަށް ވެއްޓިފައި. ބިލުތަކުގެ މައްޗަށް ބިލު. ދެން ކޮންމެ ކުންފުންޏަކުން ވެސް މިހާރު ކޮންމެ ދުވަހަކުހެން އެބަ ގެނޭ ބިލުތައް ނުދެއްކިފައި ހުރި މީހުން، އެ ކުންފުނިތައް. ގެނެސް، އެމީހުންނަށް އެބަ ޔަގީންކަން ދެން މިވެނި ދުވަހަކާ ހަމައަށް ދާ އިރު، ތީގެން މިވެނި އަދަދެއް ދައްކައިދޭނަމޭ. އެހެން ކިޔައި ވާހަކަދައްކާފައި އަޅުގަނޑުމެން މި ބަލަނީ މިކަންކަން މެނޭޖުކުރެވޭތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ 120 ބިލިއަން ރުފިޔާ އާއި ރައްޔިތުންގެ ކުންފުނިތަކަށް ދައްކަންޖެހޭ ނުވަ ބިލިއަން ރުފިޔާ ވެސް ދައްކަމުން ގެންދަވަނީ ފައިސާ ޗާޕުކުރުން ހުއްޓާލައިގެން ކަމަށާއި އެކަން ހުއްޓައިނުލި ނަމަ، ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި ކަމަށެވެ. އަދި އެ ފިޔަވަޅުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.