ފައިސާ ޗާޕުކުރަމުންދިޔަ ނަމަ، ރާއްޖެ އޮންނާނީ ބަނގުރޫޓުވެފައި ކަމަށާއި އެކަން ހުއްޓާލުމުން އެކަމުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގެ އެކިއެކި ލޯނުތަކާއި ރައްޔިތުންގެ ކުންފުނިތަކުގެ ބިލުތަކަށް ފައިސާ ދައްކަމުން ގޮސް، އިގުތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތްކުރަމުން އަންނަނީ ފައިސާ ޗާޕުނުކޮށް ކަމަށެވެ.

"އަޅުގަނޑު ވައުދުވިން ފައިސާ ދެން ޗާޕެއް ނުކުރާނަމޭ. ފައިސާ ޗާޕުކުރުން މިހާރު ހުއްޓާލާފައިވާނެ. އެކަން ހުއްޓާނުލި ނަމަ، އަޅުގަނޑުމެންގެ ގައުމު ބަނގުރޫޓުވާނެ. އަޅުގަނޑުމެންގެ ދިވެހި ރުފިޔާ އަގު ވެއްޓެމުން، ވެއްޓެމުން ގޮސް އަތުގައި ނުޖެހޭ ހިސާބަށް ދާނެ، ޑޮލަރުގެ އަގު އަރައިގެން ދާނެ 20 ރުފިޔާއަށްވުރެ ވެސް މައްޗަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިސާ ޗާޕުކުރަމުންދިޔަ ނަމަ، އިގުތިސާދު އެއްކޮށް ހަލާކުވީސް ކަމަށާއި ފައިސާ ޗާޕުކޮށްގެން ފަސޭހަ ގޮތް ހިޔާރުކުރެވެން ވެސް އޮތް ކަމަށެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ނިންމެވި ނިންމެވުމަކީ އުނދަގޫ ނިންމެވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ވަރަށް ފަސޭހަވީސް ފައިސާ ޗާޕުކޮށްލި ނަމަ. ނުވަ ބިލިއަން ރުފިޔާ ޗާޕުކޮށްލި ނަމަ، އެކަން ވެސް އެ ހަމަޖެހުނީ ނޫންތޯ. އެކަމަކު އެކަން ނުކުރީ ހަމަ ދިވެހި ރައްޔިތުންގެ ހައްގުގައި. އިރާދަކުރެއްވިއްޔާ އޭގެ ރަނގަޅު ނަތީޖާ ފެންނަމުން ދަނީ. އަޅުގަނޑުމެންގެ ރުފިޔާގެ އަގު ހިފެހެއްޓި، އިރާދަކުރެއްވިއްޔާ ޑޮލަރުގެ ރޭޓު ތިރިވެ، އިގުތިސާދު ރަނގަޅުވަމުން ދާނެ. މިހާރު އޭގެ އަސަރު ފެނޭ އެބަ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭރުގެ ދަރަނީގެ ގޮތުގައި 120 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އަދި ރައްޔިތުންގެ އެކި ކުންފުނިތައް ލައްވައި މަސައްކަތްކުރުވައިގެން ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށެވެ.