އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ އޮފިޝަލުންގެ ތެރެއިން މާލެ ސަރަހައްދަށް ބޭނުންވާ ހާހަކަށްވުރެ ގިނަ އޮފިޝަލުން އަދިވެސް މަދުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެެނެރަލް (އެސްޖީ) ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން އިންތިހާބާބެހޭ އާއްމު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ބާއްވަން އޮތް މަޖިލިސް އިންތިހާބު އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ފަސްކުރުމަށްފަހު، އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދަން ނިންމާފައިވާ ގޮތް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އީސީގެ ބޭފުޅުން ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ހަސަން ވިދާޅުވީ، ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމާ ގުޅިގެން އޮފިޝަލުން ހޯދުމަށް އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"ރޯދަމަހުގައި އިންތިހާބު ބާއްވާތީ ކުރިން ތާވަލުކޮށްފައި އޮތް ގޮތުން ރަމަޟާން މަހު މަސައްކަތް ކުރަންޖެހޭތީ އޮފިޝަލް އެލަވަންސަށް އިތުރުވެފައި އޮންނާނެ 500 ރުފިޔާ، ދެން ރަަމަޟާން މަހަށް ކަނޑައެޅިފައި އޮތް އެލަވަންސެއްވީމަ ރަމަޟާން މަސް ނޫންވީމަ މިހާރު އޮތް އުސޫލުން އެ 500 ރުފިޔާ އުނިވާނެ، އެހެންކަމުން މި ހާލަތުގައި އޮފިޝަލް ކަމަަށްކުރިމަތިލީ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް އެބަ އާދޭ،" ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެލަވަންސުން 500 ރުފިޔާ މަދުވާތީ އިތުރަށް މަސައްކަތްކުރަން ބޭނުން ނޫން ކަމަށް ބައެއް އޮފިޝަލުން ބުނަމުންދާ ކަމަށެވެ. އެގޮތުން މި ވޭތުވެދިޔަ ދެ ދުވަސް ތެރޭގައިވެސް ގިނަ އަދަދެއްގެ އޮފިޝަލުން އަނބުރާ ނަން ނަގާފައިވާ ކަމަށާއި އެއީ ނެގޭނެ ރިސްކަކަށް ނުވާތީ އެ 500 ރުފިޔާ ދޭންޖެހޭ ހާލަތުގައި ދޭންޖެހޭނެތީ އެއަށް ކޮންމެސް ގޮތެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު