ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް ބޭނުން ކުރަން ފެށުމުގެ ގޮތުން ވީއައިއޭގައި ހިދުމަތްދޭ ފަރާތްތައް ހިމެނޭ ހާއްސަ ކޮމިޓީއެއް އުފައްދަވާނެ ކަމަށް، ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ އޮޕަރޭޝަންގެ ފެށުމުގެ ގޮތުން އެމްއޭސީއެލުން ވަނީ މިއަދު ސްޓޭކްހޯލްޑަރުންނާއެކު ހުޅުލޭ އައިލެންޑް ހޮޓަލުގައި ބައްދަލުވުމެއް ބާއްވައިފައެވެ. ޝަރީފު އެގޮތަށް ވިދާޅުވީ އެ ބައްދަލުވުމުގައި ސްޓޭކްހޯލްޑަރުންނާއެކު ދެއްކެވި ވާހަކައިގައެވެ.

"އާ ޓާމިނަލް އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއާޕޯޓުގައި ހިދުމަތްދޭ ފަރާތްތައް ހިމެނޭ ހާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތާއި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ސވިލް އެވިއޭޝަން އޮތޯރިޓީ، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސާވިސް، އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތައް އަދި އެއާޕޯޓުގައި ހިދުމަތް ދެމުންގެންދާ ރިސޯޓުތަކުން ބައިވެރިވިއެވެ.

އެމްއޭސީއެލުން ބުނީ އާ ޓާމިނަލަކީ ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އާ ކޯޑް އޮފް ރަންވޭ އަކާއި، ނޫވިލު ސީ ޕްލޭން ޓާމިނަލް، ވީއައިޕީ ބިލްޑިން އަދި ކާގޯ ޓާމިނަލެއްގެ އިތުރުން ފިއުލް ފާމް އަކާއި ފަޔާ ސްޓޭޝަނެއް ގާއިމުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އޭގެ ތެރެއިން އާ ކާގޯ ޓާމިނަލް ވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވައިފައެވެ. އާ ކާގޯ ޓާމިނަލް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު ވިދާޅުވެފައިވަނީ އާ ކާގޯ ޓާމިނަލަކީ ޒަމާނީ ފެންވަރަށް ހަދާފައިވާ އިމާރާތެއް ކަމަށާއި އެތަން ހަދާފައިވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށެވެ.

އެގޮތުން، ކުރީގެ ކާގޯ އިމާރާތަކީ މީގެ 40 އަހަރު ކުރިން ހަދާފައިވާ އިމާރާތެއް ކަމުން ޒަމާނީ ފެންވަރަށް އެ ތަނުން ހިދުމަތް ނުދެވޭ ކަމަށެވެ. އެ ޓާމިނަލުގެ ކެޕޭސިޓީއަކީ އަހަރަކު 50 ޓަނު ނަމަވެސް ކެޕޭސިޓީއަށްވުރެ އިތުރަށް 75 ޓަނަށް ހިދުމަތް ދެމުން ދިއުމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

އާ ކާގޯ ޓާމިނަލަކީ އަހަރެއްގެ މައްޗަށް 120،000 ޓަނުގެ ކެޕޭސިޓީއަށް ހިދުމަތް ދެވޭނެ ގޮތަށް ހަދާފައިވާ ޓާމިނަލެއް ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ. ކާގޯ ޓާމިނަލް ހުޅުވީ ތިން ބުރީގެ އޮފީސް އިމާރާތަކާވެސް އެކުގައެވެ.

އާ ކާގޯ ޓާމިނަލުގެ މަޝްރޫއަކީ ވީއައިއޭ ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ތެރެއިން ހިންގި މަޝްރޫއެކެވެ.