ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތަކާއި ފުލެޓުތައް ޔަގީންވާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި "މިސްރާބު ހަމަމަގަށް - ދޮގު ދޮލަނގު" ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މަޖިލީހުގެ މާލޭގެ ހުރިހާ ދާއިރާއަކަށް، އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން، މާލޭގެ މީހުން އިންތިހާބު ކުރާނެކަން ޔަގީންކުރައްވާ ކަމަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިހާރު ވެސް ކުރަމުން އަންނަ މަސައްކަތަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ގޯތި، ތިބޭފުޅުންގެ ފުލެޓް ހައްގުވާ ފަރާތްތަކަށް ޔަގީން ކުރެވޭނީ އަޅުގަނޑުމެންގެ މެންބަރުން ޕާލިމެންޓަށް ވައްދައިގެން. އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބިގެން" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުގެންދާނެ ސިޔާސަތެއް ކަމަށެވެ. އާޒިމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ދެ އަހަރުގެ ތެރޭގައި ގޯތި ދޫކުރި ސަރަހައްދުތައް ހިއްކުން ކަމަށެވެ. އެ ސިޔާސަތު ތަންފީޒު ނުކުރެވުނީ ބަޔަކު، ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ރައްޔިތުންނަށް އެ ދޮގުތަކާއި އޮޅުވާލުންތަކުގެ ހަގީގަތް ސާފުވެފައިވާ ކަމަށެވެ.

"މި ޕާޓީގެ މެންބަރުން މަޖިލީހަށް ހޮވަން މިޖެހޭ ސަބަބަކީ ތިބޭފުޅުން މާލޭގެ ރައްޔިތުން ތިބޭފުޅުން ބޭނުންވާ ގެދޮރު ޔަގީން ކުރެވޭނީ އަޅުގަނޑުމެންގެ މެމްބަރުން މަޖިލީހުގެ ބައިތިއްބައިގެން އެއީ އަޅުގަނޑުމެންނަށް ޔަގީންވާ ކަމެއް. މިއަދުވެސް ތިބޭފުޅުންނަށް އެމްޑީޕީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އެ އޮތްގޮތަށް ކިރިޔަ ކިރިޔާ ވެސް މި އޮންނަނީ އަޅުގަނޑުމެންގެ މެޖޯރިޓީ އޮތީމަ. އަޅުގަނޑުމެންގެ އަތުން މެޖޯރިޓީ ގެއްލޭ ދުވަހަކީ ގަބޫލުކުރައްވާ މާލޭގެ ރައްޔިތުން ގަބޫލުކުރައްވާ، ތިބޭފުޅުންނަށް، ތިބޭފުޅުންގެ އަޅުގަނޑުމެންގެ ސަރުކާރުން ކަނޑާފަ ދިން ގޯތި ވެސް ނުލިބޭނެ. ދެން ގުޅިފަޅު ގޯތިތަކަށް ވާނެ ގޮތެއް ވެސް ނޭނގެ، ގިރާވަޅު ގޯތިތަކަށް ވާނެ ގޮތެއް ވެސް ނޭނގެ" އާޒިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން މާލޭގެ ދަފުތަރުގެ މީހުންނަށް އުތުރުތިލަފަޅުން ވެސް ގޯތި ދީފައި ކަމަށާއި ނަމަވެސް މި ސަރުކާރުން އެ ވާހަކަ އެއްގޮތަކަށް ވެސް ނުދައްކާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލޭގެ މީހުން، އެ މީހުންގެ ގޯތިތަކަށް ދާން ޖެހޭނީ މާލެއާ ގުޅާލެވިފައިވާ ބުރިޖަކުން ކަމަށެވެ. އެއީ އޭނާ އަބަދުވެސް ވަކާލާތު ކުރައްވާ ގޮތް ކަމަށެވެ. ރަސްމާލެއަކީ މާލެއާ 14 ކިލޯމީޓަރުގެ ދުރުގައި އޮތް ތަނެއް ކަމަށް އާޒިމް ވިދާޅުވިއެވެ.