އެއާ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުންކުރާ މަތިންދާބޯޓަކީ ކުރިން ޝެޑިއުލް ފުލައިޓުތައް އޮޕަރޭޓް ކުރުމަށް ބޭނުންކުރި، ސަލާމަތީ ގޮތުން ރައްކާތެރި ފުލައިޓެއް ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަންއިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އެ ބޯޓު ތައްޔާރުކޮށްފައިވަނީ އެމަޖެންސީ ފަރުވާ، އެ ބޯޓުގައި ދެވޭ ގޮތަށް މެޑިކަލް އިކުއިޕްމެންޓް ހަރުކޮށްގެން ކަމަށެވެ.

"އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކުރެވުނު މަތިންދޯ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެކެވެ. އަދި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން މި ބޯޓަކީ ކުންފުނީގެ ޝެޑިއުލް ފުލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުން ދިޔަ ބޯޓެކެވެ،" މޯލްޑިވިއަންއިން ބުންޏެވެ.

ފުލައިޓުތައް އޮޕަރޭޓް ކުރުމުގައި އެންމެ އިސްކަމެއް އަބަދުވެސް ދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށް ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

އެއާ އެމްބިއުލާސްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ "ޑީއެޗްސީ -8-200" މަރުކާގެ މަތިންދާބޯޓުތައް، އަލުން ރީޑިޒައިން ކުރުމަށްފަހު ރާއްޖެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ވަނީ އެ ފުލައިޓުގެ ޓެސްޓިން ފުލައިޓް ކުރިއަށް ގެންގޮސްފައެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއާ އެމްބިއުލާސްގެ ހިދުމަތް ފަށާފައިވަނީ ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު އަވަސް ފަރުވާއަށް ހާއްސަ ކޮށްގެން ތަމްރީނު ކޮށްފައިވާ 15 މީހުންނާ އެކު ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެމެޖެންސީ މެޑިކަލް ޓެކްނިޝަނުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ހެލްތު މިނިސްޓްރީއާއި އައިލެންޑް އެވިއޭޝަން ސާވިސަސް އަދި އެންސްޕާ ގުޅިގެންނެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވި އެއް ރިޔާސީ ވައުދެވެ.