މާލޭގައި އެހެރަ ހިރިގަލުގެ ހުކުރުމިސްކިތް ބިނާކުރެއްވީ ކާކުހޭ ސުވާލުކޮށްފިނަމަ އެންމެންގެ ޖަވާބަކަށްވާނީ އެއީ ސުލްތާން އިބްރާހިމް އިސްކަންދަރު އެކެއް ކަމުގައެވެ. ހުކުރުމިސްކިތުގެ މުންނާރު ބެހެއްޓެވީ ކޮންބޭފުޅެއްހޭ އަހައިފިނަމަ އަނެއްކާވެސް ޖަވާބު އަންނާނީ އެއީ އިސްކަންދަރު ރަސްގެފާނު ކަމުގައެވެ. މާލޭގެ ވަށައިގެން ދިފާއީ ބޮޑު ފާރެއް ރޭނުއްވީ ކޮންބޭފުޅެއްހޭ އަހައިފިނަމަ ޖަވާބަކަށްވާނީ އެއީ ސުލްތާން މުހައްމަދު އިމާދުއްދީން ބޮޑުބަންޑާރައިން ކަމުގައެވެ. މިދެންނެވި ބިނާތައް އެބޭފުޅުންނަށް ނިސްބަތްކުރެވުނު ކަމަށްވިޔަސް އެއިން ބޭފުޅަކު އެއިންތަނެއް ބިނާކުރެއްވުމަށް އަމިއްލަފުޅަށް އެންމެ ގަލެއްވެސް ބެހެއްޓެވީއެއް ނޫނެވެ. ކުރެެއްވި ކަމަކީ އެތަންތަން ބިނާކުރުމަށް އަމުރު ކުރެެއްވުމާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ތަނަވަސްކޮށްދެއްވުމާއި ޚަރަދު ކުރެެއްވުމެވެ. އެގޮތުން މިދެންނެވި ތަންތަން އެބޭފުޅުންނަށް ނިސްބަތްވަނީއެވެ.
އިންޑިޔާގެ އާގަރާގައި ހުންނަ ތާޖްމަހަލޭ ކިޔުނު މަޝްހޫރު ބިނާ ޝާހު ޖަހާނަށް ނިސްބަތްކުރެވެނީވެސް މި ބީދައިންނެވެ. މިއީ ދުނިޔޭގައި މިކަން ހިނގާ މަގެވެ. އުސޫލެވެ. މިރާއްޖޭގައިވެސް ގިނަ ކަންކަން އެކިބޭފުޅުންނަށް ނިސްބަތްކުރެވޭ އުސޫލަކީވެސް އެއީއެވެ. އެކަމަކު ވަރަށް މުހިންމު އެއްކަމެއް މި އުސޫލަށް ނުފެތި އިސްތިސްނާވެގެންވެއެވެ. ދިވެހި ތާރީޚުގެ ބައްޕަޔަކީ ކޮންބޭފުޅެއްކަމާމެދުގައެވެ. ރަސްމީކޮށް ދިވެހި ތާރީޚު ލިޔާން އަމުރު ކުރައްވައި އެ މަސައްކަތް ފެއްޓެވީ ކޮން ބޭފުޅެއްކަމާމެދުގައެވެ. މިކަމާމެދު ބަހުސްކޮށްލުމަށް މިއީ ވަރަށް މުނާސަބުވެސް ވަގުތެކެވެ. އެހެނީ ދާދި ފަހުން ނިމިގެން އެ ދިޔައީ ގައުމީ ތާރީޚު ދުވަހެވެ. މި ދުވަސް ނިސްބަތް ކުރެވެނީ އަލްގާޒީ ހަސަން ތާޖުއްދީނަށެވެ. އޭނާ އަވަހާރަވީ މީގެ 297 އަހަރު ކުރިންނެވެ. މީލާދީން 1727 ވަނަ އަހަރުގެ ފެބްރުއަރީ 27 ގައެވެ.
ދިވެހިރާއްޖޭގެ ރަސްމީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި ދިވެހި ތާރީޚުގެ ބައްޕަޔަކީ އަލްގާޒީ ހަސަން ތާޖުއްދީނެވެ. ފޮތްފޮތުގައި ލިޔެގެން ދަރިވަރުންނަށް ބުނެދެނީ އަދި ކިޔަވައިދެނީވެސް މިގޮތަށެވެ. ދިވެހި ތާރީޚު ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މިދަނީ ހަސަން ތާޖުއްދީނު އަވަހާރަވި ދުވަހެވެ. ހަސަން ތާޖުއްދީނަށް މިވަރުގެ އިއްޒަތަކާއި ޝަރަފެއް މި އަރުވަނީ އެ މަނިކުފާނު ކޮންކަމެއް ކުރައްވައިގެން ބާވައެވެ. އެ މަނިކުފާނު ކުރެއްވި ކަމަކީ ރަސްމީގޮތުން ދިވެހި ތާރީޚު ލިޔުއްވުމުގެ މަސައްކަތް ފެއްޓެވުމެވެ. އެކަމަކު އެއީ އެ މަނިކުފާނުގެ އަމިއްލަފުޅު އިސްނެންގެވުމެއް ނޫނެވެ. އެ މަނިކުފާނު ކުރެއްވި ކަމަކީ ރަދުންގެ އަމުރުފުޅަކަށް ތަބާވެވަޑައިގަތުމެވެ. ދިވެހި ތާރީޚު ލިޔުއްވުމަށް އަލްގާޒީ ހަސަން ތާޖުއްދީނަށް އަމުރުކުރައްވައި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވައި ފަނޑިޔާރު މަނިކުފާނުގެ ރަސްމީ މަސައްކަތުގެ ތެރޭގައި ދިވެހި ތާރީޚު ލިޔުން ހިމެނުއްވީ އޭރު ދިވެހި ރަސްކަމުގެ ތަޚުތުގައި އިންނެވި ރަދުންނެވެ.
އެބޭފުޅަކީ އައްސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން ސިރީ ކުލަސުންދުރަ ސިއާކަ ސާސްތުރަ މަހާރަދުންނެވެ. ދިޔަމިގިލީ ބޮޑު ބަންޑާރައިންނެވެ. ރަސްކަން ކުރެއްވީ މީލާދީން 1704 ވަނަ އަހަރުން ފެށިގެން 1721 ވަނަ އަހަރާ ހަމައަށެވެ. ތެދެކެވެ. ދިވެހި ތާރީޚުގެ އެންމެ ގަނޑެއްވެސް ދިޔަމިގިލީ ބޮޑު ބަންޑާރައިން ނުލިޔުއްވައެވެ. އެކަމަކު ތާރީޚު ލިޔަން އަމުރު ކުރެއްވީ އެރަދުންނެވެ. އެއީ އެރަދުންގެ ޚިޔާލުފުޅެކެވެ. ތާޖުއްދީނު ކުރެއްވި ކަމަކީ ރަދުން ކުރެއްވި އަމުރުފުޅެއް ތަންފީޒު ކުރެއްވުމެވެ. އެކަމަކު ދިވެހި ތާރީޚުގެ ބައްޕަޔަކަށް މިއަދު މިވަނީ ހަސަން ތާޖުއްދީނެވެ. ގައުމީ ތާރީޚު ދުވަހަކަށް މިވަނީ ހަސަން ތާޖުއްދީނު އަވަހާރަވި ދުވަހެވެ. މިއީދެން ކިހައިބޮޑު އަޖައިބެއް ބާވައެވެ. މިކަން މިހެންވުމުގައި ސަބަބުތަކެއްވެސް އެބަހުއްޓެވެ. ދިޔަމިގިލީ ބޮޑު ބަންޑާރައިންގެ ކާފަދަރިކަލުން ސުލްތާނު މުހައްމަދު ޣިޔާޘުއްދީނު ކަނޑުފައްތައި ޝަހީދުކޮށްކުލުމަށްފަހު ދިވެހި ރަސްކަން ފޭރިގަތީ ހުރަވީންނެވެ.
އެއަށްފަހު ދެން ރަސްކަމުގެ ތަޚުތު ހޫނުކުރީ ހުރަވީންނެވެ. ހުރަވީންގެ ވެރިކަމުގައި ދިޔަމިގިލީ ރަސްދަރިކޮޅަށް ތައުރީފު ހައްގު އެއްވެސް ކަމަކަށް ތަރުހީބު ދިނުމެއް ނެތެވެ. ކުރިހާވެސް ކަމަކީ އެ ޚާންދާނުގެ އަބުރާއި ކަރާމާތާއި އިއްޒަތަށް ފަސްއަޅައި ފޮރުވުމެވެ. މި ދެންނެވި ގޮތުން ދިޔަމިގިލީ ބޮޑު ބަންޑާރައިގެންގެ ޚިދުމަތުގެ ވަނަވަރުވެސް ތާރީޚުން ފޮހެލާފައިވަނީއެވެ. މިއަދު ޒަމާން މިއޮތީ ބަދަލުވެފައެވެ. ހުރަވީންގެ ރަސްކަމެއްވެސް ނެތެވެ. އެކަމަކު މިއަދުވެސް ބައެއް މީހުން ބުރަވާކަމަށް ފެންނަނީ ހުރަވީންގެ ތާރީޚަށެވެ. ދިވެހި ތާރީޚު ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ ދާދި އިހަކަށް ދުވަހުއެވެ. ރައީސް ޔާމީނުގެ ދައުރުގެ އެންމެ ފަހު އަހަރުއެވެ. އެކަންކުރާން ތިބީ ހުރަވީންނެއް ނޫނެވެ. އެކަމަކު މި ނިންމުމުގައި ޖެހިފައި މިއޮތީ ތައައްސުބުގެ ހުތުރު ކުލައެވެ. އެހެންނާ ނޭނގިއެވެ. ނުވަތަ އެނގިގެން ގަސްތުގައެވެ. ބޮޑަށް ވައްތަރީ ކަންކަން އޮޅުންފިލައި މޭރުންވާންޖެހޭ މިންވަރަށް ކަންކަން މޭރުންވެފައި ނެތުމާއެވެ.
ކޮންމެއަކަސް ދިވެހި ތާރީޚު ލިޔަން ފުރަމާނަ އަމުރުފުޅެއް ނެރުއްވި ދިޔަމިގިލީ ބޮޑުބަންޑާރައިންގެ ނަންފުޅު ތާރީޚަށް އެއޮތީ ނާރައެވެ. ދިޔަމިގިލީ ބޮޑުބަންޑާރައިންނަށް ނިސްބަތް ނުވާ ދުވަހެއް އަދި އެއަށްވުރެ ކުޑަދުވަހެއް ދިވެހި ތާރީޚު ދުވަސް ކަމުގައި ފާހަގަކުރުމަކީ ވަރަށް ހެއްވާވެސް ކަމެކެވެ. އެޒާތުގެ ކަންކަން ކުރުމަށްވުރެ ހެޔޮކަންބޮޑީ ނުކުރުމެވެ. ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް ދިޔަމިގިލީ ބޮޑު ބަންޑާރައިންނަކީ ދިވެހި ތާރީޚު ލިޔުއްވުމަށް އަމުރުކުރެއްވި ރާއްޖޭގެ ތާރީޚު ރަސްމީގޮތުން ފުރޭފުކުރައްވަން ފެއްޓެވުމުގެ ބާނީއެވެ. ރަސްކަމުގެ ކުރިން ދިވެހި ލަޝްކަރުގެ ވެރިކަން ކުރެއްވި ގައުމީ ދިފާއީ ޚިދުމަތްތެރި ބަތަލެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަލާސީން އުފެއްދެވީ މި ރަދުންނެވެ. ކަލާސީން އުފެއްދެވީ ރަދުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާއިން އާންމު ރައްޔިތުންގެ މުހުތާދުތައް ފުއްދަވައި ދެއްވުމަށާއި އާންމު ރައްޔިތުންެނަށް ޚިދުމަތް ކުރެއްވުމަށްޓަކައި ދައުލަތުގެ ފަރާތުން ޚާއްސަކުރެވިފައިވާ ބައެއްގެ ގޮތުގައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް