ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ގާނޫނީ ލަފާ ދެއްވުމުގައި އިސްކުރައްވާނީ ގައުމީ މަސްލަހަތު ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ހުސްގޮނޑިއާ ނުލައި މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނުން ގާނޫނާހިލާފު ކަމަށެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދުއަށް ވަޑައިގެން، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ހުކުމާ ގުޅުވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނަމުން އައި ގޮތާއި ޖަލްސާތަކުގެ ކޯރަމް ކަނޑައަޅާ ގޮތަށް އެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، މަޖިލީހުން އިއްޔެ ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވާ ބިލުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ އެކަމުގައި އެޓާނީ ޖެނެރަލްގެ ލަފައެއް ހޯދާނެ ކަމަށެވެ.

އުޝާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެއް ބާރާއި އަނެއް ބާރާ ދެމެދު އަރައިރުންވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

"ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. އަޅުގަނޑު ރައީސަށް ގާނޫނީ ލަފާ ދިނުމުގައި ވެސް ބަލާނީ މި ކަންކަމަށް،" އުޝާމް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް ގާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމުލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. މިއަދު ސުޕްރީމް ކޯޓުން ވެސް އެފަދައިން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ދުސްތޫރީ އެ މަައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކޮށްފައިވަނީ، މަޖިލިސް މެންބަރުކަމުން އިސްތިއުފާދިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމުލަ އަދަދު ގުނުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލާއި، 72 ވަނަ މާއްދާގެ ދަށުން އިންތިހާބީ ދާއިރާތައް ތަމްސީލު ކުރެވޭ ގޮތާއި، 26 ވަނަ މާއްދާގެ (ނ)ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަށާއި، އަދި ހަތަރުވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަމަށް އޮންނަ އޮތުމާ ހިލާފު ކަމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

ހުސް ގޮނޑިތައް ނުހިމެނޭގޮތަށް، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު، މަޖިލީހުން މާނަ ކޮށްފައިވަނީ ގާނޫނުއަސާސީގެ 18 މާއްދާއަކާ ތައާރަޒުވާގޮތަށް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ، 49 ވަނަ މާއްދާގެ (ކ) (އ) އަދި (ވ) އަކީ ގާނޫނުއަސާސީގެ 286 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިހުތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށްވީ ނަމަވެސް އެ އަކުރުތަކަކީ މިހާރު މަޖިލީހުން ބާތިލުކޮށްފައިވާ އަކުރުތަކެއް ކަމުން އެ އަކުރުތަކާމެދު ކޯޓުން އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް ކަނޑައަޅާ ކަމަށްވެސް ހުކުމްގައިވެއެވެ.

މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.