ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު މަޖިލިސް އިންތިހާބުގެ ތާރީހު ސާފު ނޫން ކަމަށާއި މިއަދު ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފާ ފުޅަކަށް އެދިވަޑައިގަންނަވާނެ ކަމަށާއި ބިލް ތަސްދީގުކުރަން ލަފާދެއްވައިފިނަމަ އެކަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދުއަށް ވަޑައިގެން، މިއަދު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 87 ކަމަށާއި އެހެންވެ ބަންޑާރަނައިބުގެ ގާނޫނީ ލަފާފުޅަކަށް މިހާރު އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ އެކު 80 މެންބަރުންނަށް ބަލައިގެން އިއްޔެ ފާސްކުރި މަޖިލިސް އިންތިހާބު ފަސްކުރާ ބިލުގެ މައްސަލަ އާއި އޭގެ ކުރިންވެސް ނިންމާފައި ހުރި އެހެން މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
"މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމުގައި އަޅުގަނޑު ހުރިހާ ކަމެއްވެސް ކުރާނީ ގާނޫނާއި ގާނޫނު އަސާސީއާ އެއްގޮތަށް. ލަފާ ލިބެނީ އިއްޔެ ނިންމު ނިންމުން، ސުޕްރީމް ކޯޓުން އެގޮތަށް 80 މެންބަރުންނަކީ ރައްޔިތުން މަޖިލީހުގެ އަދަދު ނޫން ކަމަށް، އޮރިޖިނަލީ އޮންނަ 87 އަށް ކަމަށް ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަކަށް އިއްޔެ ނިންމި ނިންމުންވެސް ތަސްދީގުކުރަންޖެހޭ އެއްޗެއް ކަމަށް ލަފާ ލިބެންޏާ ވަގުތުން ތަސްދީގުކޮށްލާނަން،" ރައީސް ވިދާޅުވިއެވެ.
"ދެން މިހާރު މި އިންތިހާބުގެ ޑޭޓް ސާފެއް ނުވޭ. މިއަދު އަޅުގަނޑަށް ބަންޑާރަނައިބު ލަފާދެއްވީމަ ގެޒެޓް ކުރަން ވިދާޅުވެއްޖިއްޔާ ގެޒެޓް ކުރާނަން. ގެޒެޓް ކޮށްފައި ދެން ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ދެން އަޅުގަނޑުމެންނަށް ލިބޭ ގާނޫނީ ލަފަޔާ އެއްގޮތަށް ކުރިއަށް ދާނަން،"
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ކަމަށާއި އެއީ ރޯދަ މަހު އިންތިހާބު ބޭއްވުމުން، ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެތީ ކަމަށެވެ. ނަމަވެސް މިހާރު އޮތް މަޖިލީހުން ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވީ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވާކަށް. ރޯދަ މަހަކީ އަޅުކަމުގެ މައްސަރަކަށްވީމަ ނޫންތޯ ކެމްޕޭން ތެރޭގައި ވައުދުވީގޮތަށް މިހާރު ރަސްމީކޮށް އެއޮތީ ފަހު 10 އެއްވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި. މިހާރު އަޅުގަނޑުމެންވީ ފަހު 10 ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިގެން އަޅުކަމަށް ހާއްސަކުރަންވީ ދުވަސްތަކުގައި އިންތިހާބުގެ ކެމްޕޭންގައި އުޅެންތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފުނުވާ ނަމަ ރޯދައިގެ ކުރިން އިންތިހާބު ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި އެދުމުން، އެމްޑީޕީގެ އަޑި ނޭންގޭ ކޮންމެވެސް ސަބަބަކާ ހުރެ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެއްބަސްނުވީ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު