އެޕޯލޯގެ ނުވަ ޓަވަރަށް ބޭނުންވާ 46 ލިފްޓު ސަޕްލައިކޮށް ލިފްޓްތައް ހަރުކުރުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އާ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެޕޯލޯ ހޯލްޑިންގްސް ޕްރިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިރެއްވީ އެ ކުންފުނީގެ ސިއޯއޯ މުހައްމަދު ވަހީދުއެވެ. އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯ އެނަޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖާ މުހައްމަދު އިމާންއެވެ.
އެސްޓީއޯ އިން އިއްޔެ ބުނީ، އެ އެއްބަސްވުމުގެ ދަށުން، އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައިކޮށް، އިންސްޓޯލް ކުރާނެ ކަމަށެވެ. އެ އެއްބަސްވުމުގައި ހިމެނޭގޮތުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ ފަސް ލިފްޓް ހަރުކުރާނެ ކަމަށެވެ.
އެޕޯލޯ ޓަވަރުތަކުގައި ހަރުކުރާނީ ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ" ކަމަށެވެ. އެ ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓް ތަކެއް ކަމަށެވެ. ކޯނޭ" ބްރޭންޑްގެ ލިފްޓްގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފައެވެ.
ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރު އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. "މެޝިންރޫމްލެސް" ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލެއް ކަމަށް އެސްޓިއޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު