''ޕެރިސް 2024'' އޮލިމްޕިކްސް ޑޭޓާތައް ހުރި ދަބަހެއް ގެއްލިއްޖެއެވެ.

މިއަހަރު އޮންނަ ފެރިސް 2024 އޮލިމްޕިކްސް އާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް އެކުލެވޭ ޑޭޓާތައް ހުރި ކޮމްޕިއުޓަރަކާއި ދެ މެމޮރީ ކާޑު ހުރި ދަބަސް ގެއްލިފައި ނުވަތަ ވަގަށް ނަގާފައިވާކަމަށް ބެލެވޭކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ދަބަސް ގެއްލިފައިވާއިރު އޭގައި ހުރީ ކިހާ މުހިއްމު ނުވަތަ އޭގައި ހުރި މައުލޫމާތުތަކަކީ ސިއްރު މައުލޫމާތު ތަކެއް ކަމެއް ފުލުހުން އަދި ނުބުނެއެވެ.

ޕެރިސްގެ ސިޓީއެއްގައި ހުންނަ ރެއިލްވޭ ސްޓޭޝަނަކުން ގެއްލުނު އެ ދަބަސް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ޕެރިސް އޮލިމްޕިކް އޮފިޝަލުން ނެރުނު ބަޔާނެއްގައި ބުނީ ބޮޑަށް ބެލެެވެނީ އެ ދަބަސް ބަޔަކު ވަގަށް ނަގާފައިވާ ކަމަށާއި އެހެންކަމުން ފުލުހުން އެ މައްސަލަ ބަލަމުން އަންނަނީ ވައްކަމުގެ މައްސަލައެއްގެ ގޮތުގައެވެ.

އަންނަ ޖުލައި 26 އިން އޮގަސްޓު 11 އަށް ޕެރިހުގައި ކުރިޔަށްދާ އޮލިމްޕިކްސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 30،000 އަށްވުރެ ގިނަ ފުލުހުން ނެރުމަށް ހަމަޖެހިފައިވާކަމަށް މީގެ ކުރިން އޮފިޝަލުން ބުނެފައިވެއެވެ.