ދެކުނު ކޮރެއާގައި ޑޮކްޓަރުން މުޒާހަރާ ނުހުއްޓުމުން ހޮސްޕިޓާތަކަށް މިލިޓަރީ ޑޮކްޓަރުން ފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ދެކުނު ކޮރެއާގެ ސަރުކާރުން އެ ގައުމުގެ ޑޮކްޓަރުންގެ ނިސްބަތް މަދުވުމުން އެކަމަށް ހައްލު ގެނައުމަށް ޑޮކްޓަރުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަން ފެށުމާއެކު މިހާރު ހިދުމަތުގައި ތިބި ޑޮކްޓަރުން ކުރަމުންގެންދާ މުޒާހަރާތައް ވަރުގަދަވެ އިތުރު ޑޮކްޓަރުން ބައިވެރިވެ ވަނީ މަގުތަކަށް ޖަމާވާން ފަށާފައެވެ.

އެ ގައުމުގެ ސަރުކާރުން ވަނީ މުޒާހަރާތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ކުއްލި ލޮޅުމެއް އައިސް ހިދުމަތް ދިނުމަށް ބުރޫ އެރުމުގެ ސަބަބުން ރަތް އެލާޓް ނެރެފައެވެ.

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ހަން ޑަކްސޯ ބުދަ ދުވަހު ވަނީ ޑޮކްޓަރުންގެ މައްސަލަ ހައްލުވަންދެން އެ ގައުމުގެ މިލިޓަރީ ޑޮކްޓަރުންގެ އިތުރުން ކޮމިއުނިޓީ ޑޮކްޓަރުން ހޮސްޕިޓަލުތަކަށް ފޮނުވައި އާންމުންނަށް ހިދުމަތް ދިނުމަށް ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ.

ދެކުނު ކޮރެއާ ސަރުކާރުން ވަނީ މުޒާހަރާ ކުރާ ޑޮކްޓަރުން އެންމެ ލަސްވެގެން މިއަދު އެނބުރި ހިދުމަތަށް ނިކުތުމަށް މުހުލަތެއް ދީފައެވެ. އަދި ސަރުކާރުން ޑޮކްޓަރުންގެ ކަންބޮޑުވުންތައް ބަލައިގަންނާނެ ކަމަށްވެސް ބުނެފައެވެ.

ކޮރެއާ ސަރުކާރުން ވަނީ ހިދުމަތަށް ނުނިކުންނަ ޑޮކްޓަރުންގެ ލައިސަންސް އަތުލާނެ ކަމަށްވެސް އިންޒާރު ދީފައެވެ.