ރައްޔިތުންގެ މަޖިލިސް އިންތިހާބު އަދިވެސް އޮންނާނީ ރޯދަމަހު ކަމަށް ދޭހަވާ ފަދަ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވައިފިއެވެ.
ރަސްދީގު ނުކުރައްވައި ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވައިލެއްވި، މަޖިލިސް އިންތިހާބު ފަސްކުރުމުގެ ބިލު މަޖިލީހުން ދެވަނަ ފަހަރަށް މިއަދު ވަނީ ފާސްކޮށްފައެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޮޅުދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ މަހު ބާއްވާ އިންތިހާބުގައި ސަރުކާރުން ރައްޔިތުންނަށްޓަކައި، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް މި ގައުމު ގެންދިއުމަށްޓަކައި މިކުރާ މަސައްކަތުގައި، ރައްޔިތުން އަތުކުރި އޮޅާލައިގެން ނުކުމެ، ސަރުކާރާ އެކުގައި ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"މި ގައުމުގެ މުސްތަޤްބަލް ބިނާކުރުމަށްޓަކައި ތިޔަބޭފުޅުން އަތްމައްޗަށް މި އަންނަނީ ވަރަށް މުހިންމު ޒިންމާއެއް އަދާކުރުމުގެ ދުވަސް. 17 މާޗުގައި އޮންނަ އިންތިހާބުގައި، އެ ދުވަހު ލާ ވޯޓުގައި ތިޔަބޭފުޅުން ނިންމަވައި ދެއްވަންވީ، މި ދެންނެވި މުސްތަގުބަލު،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ މުސްތަގުބަލަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާތީ ސަރުކާރަށް އެކި ކަހަލަ ހުރަސްތައް ކުރިމަތިކުރުވުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެކަން ކުރަމުން އެދަނީ އެކަން ކުރަން އޯޑަރު ދޭ ފަރާތުން އެކަން ކުރުމަށް އަންގާ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ވާނުވާ އޮޅިފައެއް ނެތް. ރައްޔިތުން ވެސް އޮޅިވަޑައިގެން ނުވާނެ މިކަންކަން. މި ފެންނަމުންދާ މަންޒަރުތަކަށް ގާފިލުކަންމަތީ ގާފިލުވެ ތިބުމަކީ އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އޮޅުވާލާ އޮޅުވާލުމަކަށްވާނެ. މި ރާއްޖޭގައި މިހާރު ކަންކަން ގޮސްފައިވާ ހިސާބަކީ ތިން ބާރު އޮންނަ އިރުގައި، އަޅުގަނޑުމެންނަށް މި ފެންނަނީ ޝަރުއީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާތަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް، ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އެ އަމުރު އެއްވެސް އެއްޗަކަށް ނުވާ ކަމަށާއި މިއީ ރައްޔިތުން ދެކެން ބޭނުންވި ދުވަހެއް ނޫން ކަމަށެވެ. އަދި ކުރިއަށް މިއޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން މި ނިންމަން ޖެހެނީ ރައްޔިތުން އުންމީދުކުރާ ކަހަލަ ދިވެހި ގައުމެއް ބިނާކުރުމުގެ ނިންމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކުވެސް ދެން އަނބުރާ ރާއްޖެއަށް އިއާދަނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެން ކަންކަން ދެން ދާނެ ކަމަކަށް ވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އެކަންކަމަށް ވިސްނުމަށް އެދިވަޑައިގަންނަވާ ކަމަށާއި ރާއްޖޭގެ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށެވެ.
އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކުރީ މިމަހުގެ 11 ގައެވެ. އަދި މިމަހު 13 ގައި އެ ބިލު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވިއެވެ.
ނަމަވެސް ގާނޫނުއަސާސީގައި ބުނާ 15 ދުވަހުގެ މުއްދަތުގައި ބިލު ތަސްދީގު ނުކުރައްވައި މިދިޔަ ހޯމަ ދުވަހު އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް އެދި ބިލު އަނބުރާ މަޖިލީހަށް ވަނީ ފޮނުއްވާލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ބިލު އަނބުރާ ފޮނުވައިލެއްވީ، ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިން، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.
ބަންޑާރަނައިބު ދެއްވި ލަފާފުޅުގެ ތެރޭގައި މި ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރަޒުވާ ކަންކަމާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިހާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއަތުތައް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެހެންކަމުން އެކަންކަން އިސްލާހުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބަންޑާރަނައިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާތީ ބިލު އަނބުރާ ފޮނުވާލެއްވީ ކަމަށް ބިލު އަނބުރާ ފޮނުއްވައިލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި އެ ބިލު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ކަމަށް ބަންޑާރަނައިބު ފާހަގަކުރައްވާފައިވާ ނުކުތާތައް އެ ސިޓީގައި ބަޔާންކޮށްދެއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ބިލު އަނބުރާ ފޮނުއްވައި ލެއްވެވި ސަބަބު ބަޔާން ކުރައްވައި ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީފުޅުގައި ވަނީ، އެ ބިލުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގާނޫނުތަކާއި ގާނޫނުއަސާސީއާ ހިލާފްވާ ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވޭ ޕޮއިންޓުތައް ފާހަގަކުރައްވައިފައެވެ.
އެ ބިލު އަނބުރާ ފޮނުވައިލުމުން އެކަމަށް ގޮތަށް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ގެނެސް މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ. އަދި ބިލު އޮތްގޮތަށް އަލުން މަޖިލީހުން ފާސް ކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ ހުށަހަޅުއްވައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވަނީ ތާއީދު ކުރައްވައިފައެވެ.
އެ ހުށަހެޅުމާ ގުޅިގެން މަޖިލީހުން ބިލު ދެވަނަ ފަހަރަށް ފާސްކުރީ އެ ވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ.
ބިލު މިގޮތަށް ފާސްކުރުމުން ގާނޫނުއަސާސީ ބުނާ ގޮތުން ބިލު ތަސްދީގުކުރުން ރައިސުލްޖުމްހޫރިއްޔާއަށް ލާޒިމުވާނެއެވެ.
މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުކުރުމާ ބެހޭގޮތުން ގާނޫނު އަސާސީގައި ބުނަނީ، މަޖިލީހުން ފާސްވާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީގުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރަންވާނެއެވެ. ނުވަތަ އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވަންވާނެއެވެ.
އަނބުރާ މަޖިލީހަށް ފޮނުވާ ބިލަކާ މެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުން ފާސްވެގެން ތަސްދީގުކުރުމަށް ފޮނުވާ ބިލެއް ތަސްދީގުކުރަން އޮންނަ މުއްދަތުގެ ތެރޭގައި އެ ބިލަކާ މެދު އަލުން ވިސްނުމަށް ނުވަތަ އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ނުފޮނުވައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމަށް ބަލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު