ރާއްޖެއިން އެއާ އެމްބިއުލާންސް އަދި އެ ނޫންވެސް އެމަޖެންސީ ފްލައިޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުރިހާ ހުއްދައެއް ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހަމަޖައްސައިދޭން ސްރީ ލަންކާ ސަރުކާރުން ނިންމައިފިއެވެ.
މީގެ ކުރިން ރާއްޖެއިން ލައްކާއަށް ބަލި މީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން ހަ ގަޑިއިރާއި އެއް ދުވަހުގެ ވަގުތެއް ހޭދަވައެވެ.
އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ އިރު، އެ ހިދުމަތް ފުރަތަމަ ފަށާނީ ރާއްޖެ އާއި ލަންކާއާ ދެމެދުއެވެ.
ލަންކާއަށް އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދަން ހޭދަވާ ވަގުތު ދެ ގަޑިއިރަށް ކުޑަކޮށްދޭން ލަންކާ ސަރުކާރުން ނިންމީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޖެނުއަރީ މަހު ލަންކާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ސަރުކާރާއެކު ބޭއްވި މަޝްވަރާތަކުގައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާ ސަރުކާރުން ދިން އެ ލުޔާއެކު އެކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ކޮލަމްބޯގެ ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ލަންކާ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
ދިވެހިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ފަށާ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމަށް އަންނަ ހުކުރު ދުވަހު މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު