ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ކުރަމުންދިޔަ މުސާހަރާއެއްގެ ބައިވެރިން މަޖިލިސް ގޭގެ ވަށައިފާރުމައްޗަށް އަރައި ގޯތި ތެރެއަށް އެއްޗެހި އުކާފައިވާ މައްސަލައަކާ ގުޅިގެން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިބޭފުޅުން ހާޒިރުކުރަން ހަމަޖެހިފައި ވަނީ މިއަދު 11:00 ގައި ބާއްވަން ހަމަޖެހިފައިވާ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށެވެ.
ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކުރި ދުވަހު މަޖިލިސް މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރޭޓުން، ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލައާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ މީހުން މަޖިލިސްގޭދޮށަށް އެއްވެ ވަނީ މުޒާހަރާ ކޮށްފައެވެ.
އެމީހުން މުޒާހަރާ ކުރީ ހުރިހާ ވަޒީރުންނަށް ރުުހުން ދިނުމަށް ގޮވާލައެވެ. އެދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގެ އިތުރުން މަޖިލިސް ޖަލްސާގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ޖަލްސާއަށް ހުރަސް އެޅުއްވުމުން އެދުވަހުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
ނަމަވެސް ޖެހިގެން އައިދުވަހު އެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށް، ވަޒީރުންގެ މަޖިލީގައި ހިމެނޭ ތިން ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް ރުހުން ދޭން ފާސްކުރިއެވެ.
ރުހުން ނުދޭން ނިންމި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ބަންޑާރަ ނާއިބު އަހުމަދު އުޝާމް އެވެ.
ރައީސް މުއިއްޒު ވަނީ އެބޭފުޅުން އަލުން ހަމަ އެ މަގާމުތަކަށް އައްޔަން ކުރައްވައި، އެބޭފުޅުންނަށް އަލުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު