އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލިކަން، އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުގެ ސަބަބުން، އާންމުން މުއައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެގެންދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން ކަންބޮޑުވާ ކަމަށެވެ.
"އަނަސްއަށް ހަމަލާދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށްވެފައި، އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބި ދިއުމަކީ، ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއްކަން ފާހަގަކުރަމެވެ. އަދި ހަމަ އެހެންމެ މިކަމުގެ ސަބަބުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސްއެޅި، ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމަށްފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެކަމުގެ ޔަގީންކަން ލިބިގެންދާނެކަން ހިތާމައާއެކު ފާހަގަކުރަމެވެ.،" ހޯމް މިނިސްޓްރީން ބުންޏެވެ.
ޖިނާއީ ބޮޑެތި ކުށްތަކުގެ ދައުވާ ލިބޭ މީހުން، ކުށުން ބާރިއަވުން ތަކުރާރުވިޔަ ނުދިނުމަށް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަތުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހުން ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އަނަސް މަރާލި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރެއިން ދެ މީހަކީ ކުޑަކުދިން ކަމަށްވުމުން ދައުލަތުން ވަނީ އެ ދެ ކުދިންގެ ވަނަވަރު ސިއްރުކޮށްފައެވެ. އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ އުފުލާފައިވަނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.
ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫ އަށެވެ. ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާކޮށްފައިވަނީ ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫ އަށެވެ.
އެ ހަތް މީހުންގެ މައްޗަށް ދައުވާތައް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު