އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލު ކުޑަކޮށްދެއްވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި ކައުންސިލުތަކުން ކަރަންޓަށް ކުރަން ޖެހޭ އެހެން ހަރަދުތައް ވެސް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، މިރޭ އެ ސިޓީގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދާފައި އޮންނަ ގޮތުން ކައުންސިލުތަކަށް ލިބޭ މަދު ފައިސާކޮޅުގެ ތެރެއިން ކަރަންޓަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށާއި ކައުންސިލުތަކުން ކަރަންޓު ބިލުތައް ދައްކަން ޖެހެނީ ގަވަމަންޓް ރޭޓު ކިޔާ އަގުބޮޑު ރޭޓެއްގައި ކަމަށެވެ.

"އަޅުގަނޑު ސްޓެލްކޯ އާއި ފެނަކައާ، އެ ދެ ތަނުގެ ވެރިންނާ ވާހަކަދައްކައިފިން. އެހެންވީމާ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި މި އަންނަ މަހުން ފެށިގެން ކައުންސިލުތަކުން ކަރަންޓަށް މި ކުރަން ޖެހޭ ހަރަދުގެ ތެރެއިން ހުރިހާ ރަށެއްގައި، އެއީ މާލޭ ސިޓީ ވެސް، މި ސިޓީ ވެސް، ހުރިހާ ރަށަކާއި ހުރިހާ ސިޓީއެއް ވެސް ހިމެނޭގޮތަށް ހުރިހާ ރަށެއްގެ މިސްކިތްތަކުގެ ކަރަންޓުގެ ހަރަދު، އެ ކަރަންޓަށް ދައްކަން ޖެހޭ ބިލުގައި މިހާރު ދައްކަން ޖެހޭ ގަވަމަންޓް ރޭޓުގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ތިރިކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސްކިތްތަކުގެ ކަރަންޓު ބިލު ތިރިވެގެން ދިޔައީމާ، ކައުންސިލުތަކުން ކޮންމެ މަހަކު ކަރަންޓަށް ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށާއި ސްޓެލްކޯ އާއި ފެނަކައަށް އެތައް މިލިއަން ގެއްލުނު ނަމަވެސް އެކަމަށް ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ފެނަކައަށް އެހެން އުސޫލަކުން އެމީހުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދައިދޭނަން. ކޮންމެގޮތެއް ވިޔަސް، ފެނަކަ ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ވެސް އެބަކުރަން. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް އަހަރުތަކުގައި އިގުތިސާދަށް އިތުރު ވަރުގަދަކަން އަންނަ ވަރަކުން، ފެނަކައިގައި މިހުރި ދަރަނިތައް ވެސް ދެއްކޭ މިންވަރަކުން އަޅުގަނޑުމެން މަގުބައްތި ދިއްލަން ކުރާ ހަރަދުވެސް، އަދި ޕާކުތަކާއި މިކަހަލަ އާންމު މައިދާންތަކުގެ ހަރަދުވެސް އިރާދަކުރެއްވިއްޔާ އެ ރޭޓު ވެސް ޑޮމެސްޓިކް ރޭޓަށް ކުޑަކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިއަދު ވަނީ އެއްފަހަރާ 50 ރަށެއްގެ ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ ބޮޑު މަޝްރޫއެއް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަން ވެސް އިއުލާންކުރައްވައިފައެވެ. އެ މަސައްކަތްކުރުމަށް ނިންމާފައިވަނީ އިންވެސްޓާ ފައިނޭންސް މޮޑެލްގެ ތެރެއިންނެވެ.