އައްޑޫ ސިޓީ ގަމުގައި ސްޓޭޝަންކޮށްފައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އަންނަ އެ ގައުމުގެ މަދަނީ މީހުން މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެކަމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު ދެ ގައުމުން ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ ތިން އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވާލަން އެއްބަސްވެފައެވެ.

އަދި ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަންކޮށްފައިވާ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއިގެ ކުރިން ފޮނުވާލުމަށްވެސް ވަނީ ދެ ގައުމުން އެއްބަސްވެފައެވެ.

ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގަމުގައި ސްޓޭޝަންކޮށްފައި އޮންނަ ހެލިކޮޕްޓަރު ދުއްވަން މިހާރު އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން އަންނަ މަދަނީ މީހުން މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެ ޓީމު މިރޭގެ ވަގުތެއްގައި އައްޑޫއަށް ގޮސް ހޭންޑްއޯވާ/ ޓޭކްއޯވާގެ ކަންކަން ފުރިހަމަ ކުރާނެ ކަމަށާއި އަދި މާޗު 10ގެ ކުރިން އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފައިބާނެ ކަމަށްވެސް ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، އައްޑޫގައި ތިބި އިންޑިއާ ސިފައިން ބަދަލުވުމުގެ މަރުހަލާތަކުގައި ހިމެނިގެން ގަމުގައި އޮންނަ ހެލިކޮޕްޓަރު މަރާމާތަށް އިންޑިއާއަށް ގެންދިއުމަށްޓަކައި 27 ފެބްރުއަރީން ފެށިގެން އެ ހެލިކޮޕްޓަރުގެ ޓެސްޓު ފްލައިޓުތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު 28 ފެބްރުއަރީގައި އައްޑޫ ސިޓީއަށް އަންނާނެ ކަމަށްވެސް ބުންޏެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، އެ ދެ ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ސިޔާދަތާއި ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެހެން، ރަހުމަތްތެރި ގައުމުތަކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް ދެމެހެއްޓުން ކަމަށް ބުންޏެވެ.