ފައިސާގެ މައްސަލަތަކުގެ އަދަބެއްގެ ގޮތުގައި އެވަޓަން އަތުން އަތުލި 10 ޕޮއިންޓުގެ މައްސަލަ އިސްތިއުނާފުކުރުމުން، އެ އަދަބު ހަ ޕޮއިންޓަށް ލުއިކޮށްދޭން އަންގައިފިއެވެ.

އެވަޓަންގެ މައްޗަށް މިނިވަން ކޮމިޝަނެއްގެ ތަހުގީގު ހިންގައި، އެ ކްލަބަށް އަދަބު ދޭން ޕްރިމިއާ ލީގުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ކްލަބަށް ފިޔަވަޅު އެޅީ ޕްރޮފިޓް އެންޑް ސަސްޓެއިނެބިލިޓީ އުސޫލުތަކާ ހިލާފުވެގެންނެވެ. އެވަޓަންގެ ފައިސާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އެ ކްލަބުން މިދިޔަ ފަސް ސީޒަންވެސް ނިންމާލީ ގެއްލުމުގައެވެ. މިދިޔަ މާޗު މަހު އެވަޓަނުން އިއުލާނުކޮށްފައިވަނީ 2021-22 ވަނަ އަހަރުގެ ސީޒަނުގައި އެ ކްލަބަށް 44.7 މިލިއަން ޕައުންޑް ގެއްލުންވި ކަމަށެވެ.

ޕްރިމިއާ ލީގުގެ ޕްރޮފިޓް އަދި ސަސްޓެއިނިބިލިޓީ އުސޫލުގެ ދަށުން އެ ލީގުގެ ކްލަބަކަށް ތިން އަހަރުން 105 މިލިއަން ޕައުންޑަށްވުރެ އިތުރަށް ގެއްލުން ވެއްޖެނަމަ ފިޔަވަޅު އަޅާނެއެވެ.

އެވަޓަނުން އެ މައްސަލައިގައި އިސްތިއުނާފަށް ހުށަހެޅީ ޕްރިމިއާ ލީގުގެ ޖުޑިޝަލް ޕެނަލަށެވެ. އެ ޕެނަލުން މައްސަލަ ފުރަތަމަ ރިވިއު ކުރުމަށްފަހު، އަޑުއެހުންތައް ބާއްވައި، ސީޒަން ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

ޕްރިމިއާ ލީގުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އެވަޓަނުން އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި، މިނިވަން ތިން ފަރާތަކުން މައްސަލަ ދިރާސާކޮށް، ނުވަ ނުކުތާއެއްގައި ނުބައިކޮށް އަމަލުކޮށްފައިވާކަން ފާހަގަވި ކަމަށެވެ. އެގޮތުން މައްސަލައިގައި ބައެއް ގާނޫނީ ގޯސްތައް ހެދިފައިވާ ކަމަށްވެސް އިސްތިއުނާފު ކޮމިޓީން ބުނެފައިވެއެވެ.

އެވަޓަންގެ ފަރާތުން ބުނީ ހަ ޕޮއިންޓް އުނިކުރުމުން ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށާއި، މިހާރު އަޅާފައި އޮތް ފިޔަވަޅާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

އެވަޓަންއަށް އެޅި 10 ޕޮއިންޓް އުނިކުރުމުގެ ފިޔަވަޅަކީ މިހާތަނަށް ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ކްލަބަކަށް އެޅި އެފަދަ އެންމެ ބޮޑު ފިޔަވަޅެވެ. ފިޔަވަޅު އެޅިއިރު އެޓީމު 14 ވަނައިގައި އޮވެފައި 19 ވަނައަށް ވެއްޓިފައިވާ އިރު، އަދަބު ލުއިކުރުމުން އެވަޓަން ވަނީ 17 ވަނައިން 15 ވަނައަށް ޖެހިލައިފައެވެ.